ރާއްޖެ ކުޅިވަރު

ކްރިކެޓާ އޮފް ދަ އިޔާގެ އެވޯޑް އައްބޮ އަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ހޮވި މިދިޔަ އަހަރުގެ ކްރިކެޓާ އޮފްދަ އިޔާގެ އެވޯޑް އަބްދުﷲ ޝާހިދު (އައްބޮ) ހޯދައިފި އެވެ. އަދި އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް މުހައްމަދު ރިޝްވާން (ރިޝީ) ހޯދައިފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަހަރީ ކްރިކެޓް ހަވީރާއި ކްރިކެޓްގެ މިދިޔަ 20 އަހަރުގެ ކާމިޔާބީ އަގު ވަޒަން ކުރަން ބޭއްވި ކްރިކެޓް ހަވީރުގައި ވަނީ މިދިޔަ އަހަރު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު އުކުންތެރިޔާގެ އެވޯޑާއި އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑަށް ހޮވުނު ކުޅުންތެރިންނަށް ވެސް އެވޯޑް ދީފައެވެ.

މިދިޔަ އަހަރު އެންމެ ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ރިޝްވާން (ރިޝީ) އެވެ. އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ މުހައްމަދު މަހްފޫޒު (މަހޭ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ޔޫސުފް އަޒުޔާން ފަރުހަތެވެ.

ރޭ ބޭއްވި ކްރިކެޓް ހަވިރުގައި ވަނީ އެކި އުމުރު ފުރާތަކުން އެންމެ މޮޅު ކުޅުންތެރިން ހޮވާ އެވޯޑް ދީފައެވެ. އަދި އޭސީސީ ޗެލެންޖް މުބާރާތް ރާއްޖެއަށް ކާމިޔާބު ކޮށްދިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވަނީ އަގުވަޒަން ކުރުމުގެ ގޮތުން ކްރިކެޓް ބޯޑްގެ ރައީސްގެ ހަނދީނީ ފިލާ ދީފަ އެވެ.