ކުރިއަށް އޮތް ބާސްކެޓްބޯޅަ އިންތިހާބުގައި އެއްވެސް މަގާމަށް ވާދަނުކުރާނެ ކަމަށް މިހާރުގެ ނާއިބް ރައީސް އަބުދުﷲ އާމިރު (އައްލޯއާމިރު) ވިދާޅުވެއްޖެ އެވެ.
1994 ވަނަ އަހަރުން ފެށިގެން އެންމެ އަހަރަކު ފިޔަވައި މިހާތަނަށް އެސޯސިއޭޝަން ހިންގެވުމުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި އައްލޯ ވިދާޅުވީ "މިހިސާބުން ބާސްކެޓް (ގައި އަމަލީގޮތުން އުޅުން) ނިންމާލީ،" އެސޯސިއޭޝަނުގެ ސެކްރެޓަރީގެ މަގާމުން ފެށިގެން އެތަނުގައި މަސައްކަތް ކުރަން ފެއްޓެވި އައްލޯ ވިދާޅުވި އެވެ.
ބާސްކެޓް އެސޯސިއޭޝަނަށް ކުރިމަތިނުލައްވަން އޭނާ ނިންމެވީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށް ވެސް ވެލެންސިއާ އާއި ޔޫތުގެ ބާސްކެޓް ޓީމުގައި ވިދާލި އައްލޯ ވިދާޅުވި އެވެ.
"އަހަންނަކީ ކޮންމެ ކޮންމެ ގޮތެއް ކަމުދާ މީހެއްނޫން. އަދި އެގޮތަކަށް ނުވެސް ހަދާނަން. މި ބުނާ އެއްޗަކީ މިސާލަކަށް ގަވާއިދުގައި ވަކިގޮތެއް ބުނެފައި އޮއްވާ އެނޫން ގޮތެއް ނުހަދާނަމޭ. ދެ ވަނަ ސަބަބަކީ ބާރު ބޭނުންނުވުން. ބާރު ބޭނުންކޮށްގެން ކަންކަންކަން ކުރަން އެއްގޮތަކަށް ވެސް ބޭނުމެއްނޫން،" ރާއްޖޭގެ ކުރީގެ އެއްވަން ބާސްކެޓް ރެފްރީ އައްލޯ ވިދާޅުވި އެވެ.
ބާސްކެޓް އެސޯސިއޭޝަނުގެ ސެކްރެޓަރީގެ މަގާމާއި ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު ކަމާއި 1998 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ޖެނެރަލް ސެކްރެޓަރީގެ މަގާމު އައްލޯ ވަނީ އަދާކުރައްވާފަ އެވެ. އޭނާ ނާއިބް ރައީސް ކަމަށް ވަޑައިގެންނެވީ 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ނާއިބް ރައީސް ކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމަށްފަހު ޖެހިގެން އައި އަހަރު އެމަގާމަށް މީހަކު ހޮވަން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.
ވެލެންސިއާގެ ފުޓްބޯޅަ ޓީމުގައި މޮޅު މިޑްފީލްޑަރެއްގެ ގޮތުގައި ވެސް ވިދާލި އައްލޯ މިފަހުން ބޮޑަށް ފެނިގެންގޮސްފައިވަނީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދި މޯލްޑިވްސް ސޮކާ މޭޓްސް ހިންގެވުމުގައި އުޅުއްވާތަނެވެ. އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ވެސް އޭނާ އެވެ.