އާރްޑީސީ

އެމްއާރްޑީސީއާމެދު މާލިއްޔަތު ކޮމެޓީގައި ސުވާލު އުފައްދައިފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަކީ ސަރުކާރަށް ކޮންމެހެން ބޭނުންތެރި ކުންފުންޏެއްތޯ ދިރާސާ ކުރަންޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު މަޝްވަރާކޮށްފި އެވެ.

މި މައްސަލަ ކޮމެޓީގައި ނެގި އިރު ކެމޮޓީގެ މިއަދު ބައްދަލުވުމުގައި އެމްއާރްޑީސީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތައް ބަލައި ދިނުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ މައްސަލައެއް ވެސް އޮތެވެ.

އެމްއާރްޑީސީއާ ގުޅޭ ގޮތުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ކޮމެޓީގައި ވިދާޅުވީ އެމްއާރްޑީސީއަކީ ފައިދާވާ ކުންފުންޏެއްތޯ މާލިއްޔަތު ކޮމެޓީން ބަލަންޖެހޭ ކަމަށެވެ. އިބޫގެ އެ ހުށަހެޅުމަށް ކޮމެޓީގައި ހިމެނި ވަޑައިގެންނެވި ތިން ޕާޓީއަށް ނިސްބަތްވާ މެންބަރުން ވެސް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ.

އިބޫ ވިދާޅުވީ އެމްއާރްޑީސީއަކީ ސަރުކާރަށް ފައިިދާވާ ކުންފުންޏެއްތޯ ބަލަން ޖެހެނީ އެ ކޯޕަރޭޝަނުން ސަރުކާރަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބިވާ މައްސަލައެއް ވެސް އޮތުމުން ކަމަށެވެ. އަދި ވިދާޅުވީ އެއީ ބޭނުންތެރި ކުންފުންޏެއްތޯ އަދި ފައިދާވާނެ ކުންފުންޏެއްތޯ ވެސް މަޖިލީހުން މިހާރު ދިރާސާކުރަން ޖެހޭ ކަމަށެވެ.

އިބޫގެ ވާހަކައަށް ތާއިދުކުރައްވާ ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ އެކުންފުނިން މިހާރު ކުރަމުންދަނީ މަގު ހެދުން ފަދަ މަސައްކަތްތައް ކަމަށާއި މަސައްކަތަށް ބޭނުންވާ ވެހިކަލް ހޯދަން ސަރުކާރުން ލޯނު ދޫކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ރިޔާޒް ވިދާޅުވީ އެކަންކަން އިތުރަށް ބަލައި ޔަގީންކުރުމަށްފަހު އެމްއާރްޑީސީގެ މައްސަލަ ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބެލިދާނެ އެކުންފުނިން ކުރިއަށް އޮތްތަނުގައި ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ، އެކަންތައް އެބަޖެހޭ ބަލަން. މިކަން އަޅުގަނޑުމެންނަށް އެނގެނީ އެމްއެންއެސްއެލް އުވާލުމުގެ ކުރިން ބަލައި ހެދި ރިޕޯޓުން" ރިޔާޒު ވިދާޅުވި އެވެ.

އެމްއާރްޑީސީއާ މެދު މި ކަންކަން ފެންމަތިކޮށް މަޝްވަރާ ކުރި އިރު މިއަދު ބައްދަލުވުމުގައި އެމްއާރްޑީސީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ދިނުމަށް މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ސިޓީއަށްވެސް ބަހުސް ކުރި އެވެ.

އެކަމާ ބެހޭގޮތުން މެމްބަރުން ވިދާޅުވީ އެ ސިޓީ ކޮމެޓީއަށް ފޮނުވާފައިވަނީ ކޮމެޓީން އެމައްސަލަ ބަލަމުން ދަނިކޮށް ކަމަށެވެ.

އެމްއާރްޑީސީގެ މައްސަލަތަކެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.