ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރުމަށާއި އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ނާޒިމް ހައްޔަރުކޮށް، އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރީ ނާޒިމްގެ ފަރާތުންނެވެ.
އެ ދެ އަމުރަށް ވެސް ހައި ކޯޓުން މިއަދު ތާއީދު ކުރުމުން ހައި ކޯޓު ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމްގެ އިސް ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށް އޮތް ހަފުތާގައި އެ މައްސަލަ ހުށަހަޅާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީއަތް ހައި ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށް ވާތީ ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންތައްތަކެއް ސާފެއް ނުވެއެވެ.
މައުމޫން ވިދާޅުވީ އެ މައްސަލައާ ގުޅޭ ހެކިތަކާއި ބަޔާންތައް ހޯދަން އެދުމުން އެ ތަކެތި ދޫކުރެވެން ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުންތައް ލިބެންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޖަވާބު އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ޒިންމާދާރު ޖަވާބެއް ކަމަކަށް. ކާނަލް ނާޒިމްގެ ހައްގެއް ކާނަލް ނާޒިމާ މެދު ބެހޭގޮތުން އޮތް ހުރިހާ މައުލޫމާތެއް ވެސް ހާމަވުން." މައުމޫން ވިދާޅުވި އެވެ.
ނާޒިމް ހައްޔަރު ކުރަން ނެރުނު އަމުރާއި ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފައިވާއިރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ނާޒިމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.