ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހިބަޅިދޫ މައްސަލާގައި ގިނަ އިޖުރާއީ މައްސަލަތަކެއް ފެންމަތިކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބ. ހިބަޅިދޫން ހަތިޔާރު ތަކެއް ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާގުޅޭ ގިނަ އިޖުރާއީ މައްސަލަތަކެއް އެ ދެ ބޭފުޅުން މިއަދު ޝަރީއަތުގައި ފާހަގަކޮށް، އެކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފި އެވެ.

މި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެއީ، އެފްއޭއެމްގެ ނޯމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ އެވެ. މި މީހުން ތިބީ ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ފިލަ އެވެ. އެއިން އެއްވެސް މީހަކު ޝަރީއަތަށް ހާޒިރެއް ނުވެއެވެ.

މިއަދު މެންދުރުފަހު ކުރިއަށް ދިޔައީ މި މައްސަލާގެ ދެވަނަ އަޑުއެހުމެވެ. ފުރަތަމަ އަޑުއެހުމުގައި ވަކީލެއް ހޯދުމަށް ފުރުސަތަށް އެދުނުއިރު މިއަދުގެ އަޑުއެހުމަށް ދެ ބޭފުޅުން ވެސް ވަޑައިގަތީ ވަކީލުންނާއެކުގަ އެވެ. ދައުލަތުން މިއަދު ވަނީ މި މައްސަލާގައި ކުރާ ދައުވާ އިއްވާފަ އެވެ.

ދައުވާގައި ބުނެފައިވަނީ، އޭރުގެ ބަޑިގުދަނުގެ ވެރިޔާ ފަޔާޒު، އޭޕްރީލް 25، 2015 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑްނަންސް ސާވިސް ޔުނިޓްގެ ހިންގުމާ ހަވާލުވެހުރިއިރު އެ ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ބަޑި ގުދަނުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ބަޑި ގުދަނުން ގެއްލިފައިވާ ބައެއް ހަތިޔާރު ހޯދުމުގެ މަސައްކަތް ކުރުމަށް ހުރަސް އަޅާފައިވާތީ އާއި ފަޔާޒު އެ މާގާމާ ހަވާލުވެހުރެ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ބަޑި ގުދަނުން ހަތިޔާރު ނެރެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބައެއް ހަތިޔާރު 30 އޮކްޓޯބަރު 2015 ގައި ހިބަޅިދޫއިން ފެނިފައިވާތީ ފަޔާޒުގެ މައްޗަށް ދައުވާކުރާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

މީގެ ތެެރެއިން އަހުމަދު އަދީބާއި މުހައްމަދު ހުސެއިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ އެކި ދުވަސް މަތިން އަދީބު ދިރިއުޅުއްވަމުން ގެންދެވި ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމެންޓާއި ރެހެންދި ފްލެޓްގެ 2 އެއްގެ އެޕާޓްމެންޓް 6 ބީގައި ގޮވާ ތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅެފައިވާތީ ކަމަށް ދައުވާގައިވެ އެވެ.

މި ދައުވާއަށް އަދީބާއި ފަޔާޒު ވެސް ވަނީ އިންކާރު ކުރައްވާފަ އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު މިއަދު ވިދާޅުވީ، މީގެ ކުރިން ވެސް އެ އަމަލުގެ ސަބަބުން އޭނާގެ މައްޗަށް ދައުވާކޮށް ހުކުމެއް ކޮށްފައިވާ ކަމަށެވެ. މި ދައުވާ ވެސް އަދި މީގެ ކުރިން މޭޑޭގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އުފުލި ޓެރަރިޒަމްގެ ދައުވާގައި ވެސް އަސްލު ބިނާ ވެފައިވަނީ އެއް ހަތިޔާރުތަކެއް ގެންގުޅުނު މައްސަލާގައި ކަމަށެވެ. އަދި އެއް އަމަލެއްގައި ގިނަ ދައުވާތަކެއް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ވެސް ވިދާޅުވި އެވެ. މޭޑޭގައި ފިސްތޯލަ ގެންގުޅުނު މައްސަލާގައި އަދީބުގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މިގޮތަށް އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގާނޫނާ ހިލާފު ދައުވާއެއް ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވުމުން ދައުލަތުން ބުނީ، މިއީ މުޅިން ވަކި މައްސަލައެއް ކަމަށެވެ. ކުރިން ދައުވާކޮށް ހުކުމްކުރީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި މޭޑޭގައި ފިސްތޯލަ ގެންގުޅުނު މައްސަލާގައި ކަމަށެވެ. މި މައްސަލާގައި ދައުވާކުރަނީ އާންމުންގެ ތެރޭގައި ހަތިޔާރު ގެންގުޅުނު މައްސަލާގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ހިންގައި އަދީބާ ސުވާލުނުކުރާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ. ފަޔާޒުގެ ފަރާތުން ވެސް މިކަން ވަނީ ފާހަގަކޮށްފަ އެވެ. ފަޔާޒުގެ ވަކީލް މަހުފޫޒު ސައީދު މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފަޔާޒާ އެއްވެސް ސުވާލެއް ފުލުހުން ކޮށްފައިނުވާ ކަމަށެވެ. މައްސަލައެއް ޝަރީއަތަށް ފޮނުވަން ޖެހޭނީ ޖިނާއީ ތަހުގީގަކަށްފަހު ކަމަށްވާއިރު މި މައްސަލާގައި ތަހުގީގު ހިންގާފައިނެތުމުން މިއީ ފަޔާޒުގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް މަހުފޫޒު ވަނީ ވިދާޅުވެފަ އެވެ. މަހުފޫޒު ވަނީ މި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

މިކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި އަދީބާއި ފަޔާޒާ ވެސް ސުވާލުކޮށް، ތަހުގީގު ހިންގި ކަމަށެވެ.

ނަމަވެސް އެކަމަށް މަހުފޫޒުގެ ވަކީލް ވަނީ އިންކާރުކޮށްފަ އެވެ. މަހުފޫޒު ވިދާޅުވީ، ތަހުގީގެއް ކުރިއަށްދާއިރު، އެއީ ކޮން މައްސަލައެއްގައި ކޮން ތުހުމަތުތަކެއްގައި ކުރާ ތަހުގީގެއްކަން އެގެން ޖެހޭނެ ކަމަށާއި މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ބައެއް ވާހަކަތައް ފަޔާޒު ދައްކާފައިވަނީ މުޅިން އެހެން މައްސަލައެއްގެ ތަހުގީގަށްކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ކަމަށެވެ.

މަހުފޫޒު ވަނީ ތަހުގީގަށް ފަޔާޒު ބަޔާންދެއްވިއިރު ނަގާފައިވާ ވީޑިއޯތައް ބަލައި، ޝަރީއަތުން އެކަންކަން ރަނގަޅަށް ބެއްލުމަށް ޝަރީއަތުގައި އެދިފަ އެވެ.

ގާޒީ ވިދާޅުވީ، މައްސަލާގައި އިޖުރާއީ މައްސަލައެއް އުޅޭތޯ ސާފުކުރައްވާނެ ކަމަށާއި ވަކީލުން ފާހަގަކުރެއްވި ގަޒިއްޔާތައް ވެސް ދިރާސާކުރައްވާނެ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލަ ކުރިއަށް ގެންދެވޭތޯ ނުވަތަ ނޫންތޯ ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މައްސަލަ ކުރިއަށް ނުގެންދެވޭނަމަ އަނބުރާ ފޮނުވާލާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ 14:00ގަ އެވެ.

އެ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމަވައިފިނަމަ، ދައުވާއާ ގުޅޭ ގޮތުން އަދީބަށާއި ފަޔާޒަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާނެ އެވެ. އަދި ދައުލަތަށާއި އަދީބާއި ފަޔާޒަށް ހެކި ހުށަހަޅަން ފުރުސަތު ވެސް ދެއްވާނެ އެވެ.