ރާއްޖެ ކުޅިވަރު

މާޒިޔާގެ ޓާގެޓް ހާސިލްނުވުމުގެ ހުރަކަށް ކިސް

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އާއެކު މާޒިޔާ ހުރިހާ މެޗަކުން މޮޅުވާން ކުރި އުއްމީދަށް ހަންގޭރީގެ ކޯޗު ލާސްކޯ ކިސް ހުރަސް އަޅައިފި އެވެ.

ފަސް އަހަރަށް ފަހު ގަލޮޅު ދަނޑުގައި ކޯޗުކޮށްދިން ފުރަތަމަ މެޗުގައި އޭނާ މިކަމަށް ހުރަސް އެޅީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ވާދަކޮށް 3-3އިން މެޗު އެއްވަރުކޮށްގެންނެވެ. ރިލްވާން ވަހީދު (ކަކާރިލޭ) އެނބުރި ވިކްޓަރީ އަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި ރަތްކާޑު ދެއްކުމުން ވިކްޓަރީ މި މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކުގަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓްގައި ވިކްޓަރީގެ ނައިޖީރިއާ ފޯވަޑް އޮމްދޫ ގޮޑްފްރޭ ވެސްޓް އެވެ. އޭގެ ހަތް މިނިޓް ފަހުން މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަސްއަދު އަލީ (އަޑުބަރޭ) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީ ދެ ވަނަ ފަހަރަށް ލީޑް ނެގީ މާޒިޔާގެ މަހިބަދޫ ޑިފެންޑަރު ގާސިމް ސައްމާމް އަތުން ބައިކޮޅަށް ވަން ލަންޑުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ޒުވާން ފޯވަޑް މުހައްމަދު ރިޝްވާން ޖެހި ލަނޑުން ވިކްޓަރީ 3-1ގެ ލީޑެއް ހޯދި އެވެ. ނަމަވެސް އެއް ކުޅުންތެރިއަކު މަދުވުމުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ޓީމު ކޮޅަށް ގައުމީ ޓީމުގެ 15 ކުޅުންތެރިން ހިމެނޭ މާޒިޔާއިން ފުލުފުލުގައި ނުރައްކާކޮށް ނަތީޖާ ހަމަހަމަކުރީ އެވެ. މާޒިޔާ އަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު އަމްދާން އަލީ އާއި ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. އަދި ނަތީޖާ ބަދަލުކޮށްލަން އަޑުބަރޭގެ ބޮލަށް މެޗުގެ ފަހު ތިން މިނިޓްތެރޭގައި ވަރަށް ހުސްކޮށް ތިން ބޯޅަ ލިބުނަސް ބޭނުންކުރެވޭ ވަރެއްނުވި އެވެ.