ރާއްޖެ ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ތަށި ހޯދައިދިން ކޯޗު ރާއްޖެ ގެންނަނީ

2008 ވަނަ އަހަރު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ މާލެ ގެނައުމަށް އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުގެ ރައީސް އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ޓީމުގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ކޯޗަށް ދައުވަތުދީފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ މިހާރުގެ ގައުމީ ޓީމާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ގަލޮޅު ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗަށެވެ. މި މެޗުގައި ތަށި ހޯދި ޓީމަށް އިރުޝާދުދޭނީ ވެސް ކޯޗު ޔަންކޭ އެވެ.

މި މެޗަކީ ދިވެހި ފުޓްބޯޅައިގެ ފޯރިގަދަ ކުރުމަށް އެފްއޭއެމުން ފަށާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުޅޭ މެޗެކެވެ. ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ޓޮމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ހޯދައިދިނުމަށްފަހު އެނބުރި ގައުމަށްދިޔަ ފަހުން ކޯޗު ފުރަތަމަ ފަހަރަށް ރާއްޖެ އައުމުން އޭނާ އަށް އެންމެ މަތީ ޝަރަފު އަރުވާނެ ކަމަށެވެ.

"އޭނާ ރާއްޖެ އަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމަށް އެފްއޭއެމުގެ އެންމެ މަތީ ޝަރަފު އަރުވާނެ،" ޓޮމް ވިދާޅުވި އެވެ.

ސްލޮވާކިޔާގެ ގައުމީ ކޯޗުކަން ވެސް ހަތަރު އަހަރުވަންދެން ކޮށްފައިވާ ޔަންކޭ ވަނީ ވަނީ ދެފަހަރެއްގެމަތީން ރާއްޖޭގެ ގައުމީ ކޯޗުކަންކޮށްފަ އެވެ. 2008ގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އަމިއްލަ އަށް އިސްތިއުފާދިނުމަށް އޭނާ ރާއްޖެއިން ފުރައިގެންދިޔައީ އެނބުރިދެން ރާއްޖެ ނާންނާނެ ކަމަށް ބުނެފަ އެވެ. އެއީ ރާއްޖޭގެ ބައެއް ކޯޗުންނާއި ފުޓްބޯޅަ އާއިލާގެ ފަރާތުން އޭނާއާ މެދު އިހާނަތިކޮށް ހިތާފައިވާ ކަމަށްބުނެ އެވެ.

ޔަންކޭ އަކީ ކުޅުންތެރިންގެ އިހްތިރާމާއި ލޯބި ހޯދި ކޯޗެކެވެ. އޭނާ ވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަށް ރިހިމެޑަލް ވެސް ހޯދައިދީފަ އެވެ.