ހުޅަނގުގެ ފުޓްބޯޅައިގެ މަންޒަރު ލޮލަށާއި ސިކުނޑިއަށް ޖަމާކޮށްގެން އިނދެ، ދިވެހި ފުޓްބޯޅައާ މެދު ވިސްނާނަމަ، އެ މަންޒަރު އެންމެ ސާފްކޮށް ނުވަތަ އެއް ކުލައެއްގައި ފެންނާނެ މެޗަކީ އީގަލްސް ކުޅޭ މެޗެވެ. އެޓީމުން ގިނަ މެޗްތަކުގައި ބައްޓަން ކުރާ އެއް ފިލޯސަފީއަކީ ތިރިން ޕާސްކޮށްގެން ހަމަލާ އުފެއްދުމެވެ.
ރާއްޖޭގައި ތިރިން ޕާސްކޮށްގެން ގޭމް ފިލޯސަފީ ބައްޓަން ކުރި ދިވެހި ކޯޗަކީ ވެލެންސިއާގެ މިހާރުގެ ކޯޗް އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.
އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގިނަ ލަނޑުތަކެއް ޖެހުމަށް އީގަލްސް ނުވިސްނާ ކަމަށާއި ވިސްނުން ހުރީ މިޒަމާނުގެ ޕާސްކޮށްގެން ކުޅޭ ފުޓްބޯޅަ ކުޅުވަން ކަމަށެވެ.
"މިޓީމުގައި އެބަތިބި އެކުޅުންތެރިންގެ އުމުރުން އަށް އަހަރުން ފެށިގެން އަޅުގަނޑާއެކު މަސައްކަތް ކުރި ކުޅުންތެރިން. އެހެންވެ އަޅުގަނޑަށް ގަބުލު ކުރެވޭ މިކުޅުންތެރިން އީގަލްސްގައި ދެމިތިބޭނެ ކަމަށް،" ސާންތީ ބުންޏެވެ.
ސާންތީ އަބަދުވެސް ދައްކާ އެއް ވާހަކަ އޮވެއެވެ. އީގަލްސްގެ ފުޓްބޯޅައިގައި އެންމެ އުހައްދާން ބޭނުމީ އާ ކުޅުންތެރިން ގެނެސް އެކުޅުންތެރިންނަށް މިހުންނަށް ހަދައިގެންނެވެ. ސާންތީ ބުނާ ގޮތުން އީގަލްސްގެ ކާމިޔާބަކަށް ވާނީވެސް ޒުވާން ކުޅުންތެރިން ހުނަރުވެރި ބަޔަކަށް ހަދައި ޓީމެއް ބިނާ ކުރުމެވެ. މޮޅު ޓީމެއް ބިނާ ކުރާނަމަ، އެކުޅުންތެރިން ޕާސިން ގޭމަކަށް އަހުލުވެރި ކުރުމަކީ ސާންތީ ދެކޭ ގޮތުގައި އެންމެ މޮޅު އެއްގޮތެވެ.
"ފަހަރެއްގައި އީގަލްސްގެ މެނޭޖުމެންޓުން އަޅުުގަނޑު ކޯޗެއްގެ ގޮތުގައި ބައްހައްޓަން ނުފެންނަ ކަމަށް ނިންމަފާނެ. ނަމަވެސް ކޮންމެ ކޯޗެއް އައި ނަމަވެސް އީގަލްސް އިން ދަމަހައްޓާނީ މިފިލޯސަފީ ޒުވާން ކުޅުންތެރިނާނާއެކު ޕާސިން ގޭމެއް،" ސާންތީ މީގެ ކުރިން ބުނެފައި ވެއެވެ.
އީގަލްސްގެ މެޗްތަކުގައި 20 އަހަރުން ދަށުގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ދެއެވެ. ސާންތީ ގަބޫލު ކުރާ ގޮތުގައި އީގަލްސްއިން ޓީމެއް ބިނާ ކުރަން ކުރާ މަސައްކަތުގައި އެންމެ އުހައްދާއިރު އެ ކުޅުންތެރިން އީގަލްސްގައި ދެމިތިބޭނެއެވެ.
"މިޓީމުގައި އެބަތިބި އެކުޅުންތެރިންގެ އުމުރުން އަށް އަހަރުން ފެށިގެން އަޅުގަނޑާއެކު މަސައްކަތް ކުރި ކުޅުންތެރިން. އެހެންވެ އަޅުގަނޑަށް ގަބުލު ކުރެވޭ މިކުޅުންތެރިން އީގަލްސްގައި ދެމިތިބޭނެ ކަމަށް" ސާންތީ ބުންޏެވެ.
ޕާސިން ގޭމެއް ދެމެހެއްޓެނިވި ގޮތުގައި ދަމަހައްޓަން ބުރަ މަސައްކަތެއް ކުރަން ޖެހެއެވެ. ސާންތީ ބުނީ އެއީ ޓެކްނިކަލީ ބުރަ މަސައްކަތެއް ކަމަށެވެ. "އަދިވެސް ހިތްހަމަޖެހޭ ވަރަކަށް އެ ގޭމް ނުކުޅެވޭ" އޭނަ ބުނީ ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރުމަށް އޮތް ގޮތަކީ އެކަމަށް ހާއްސަ ޓްރެއިނިން ޝެޝަންތައް އިތުރު ކުރަންޖެހޭ ކަމަށެވެ.