ހަބަރު

ނާޒިމް ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުން ލަފާ ދިންކަން ހާމަވެއްޖެ

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާކަން ހައި ކޯޓުގެ ހުކުމުން ހާމަވެއްޖެ އެވެ.

ނާޒިމް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށް، ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން ދަށު ކޯޓަށް ހުށަހެޅިއިރު ނާޒިމް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ކަނޑައަޅައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދީފައިވާ ސިޓީއެއް ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

"މުހައްމަދު ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައެޅުމަށް ފަހު މުހައްމަދު ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެދޭ ގޮތެއްގެ މަތިން ބަންދު މުއްދަތު އިތުރު ކުރުމަށް އެދި ކްރިމިނަލް ކޯޓުގެ އިސްގާޒީއަށް އެޑްރެސްކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ (ސިޓީ ނަމްބަރު) ސިޓީ ކްރިމިނަލް ކޯޓުގެ ބަންދު މުއްދަތު މަޖިލީހަށް ހުށަހަޅާފައިވާކަން..." އެނގޭ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތުން ތަހުގީގު ނިމި، މައްސަލަ ޕީޖީއަށް ފޮނުވުމަށް ފަހު އެ މައްސަލައާ ގުޅިގެން މީހަކު ބަންދުގައި ބެހެއްޓޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިންނެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ނާޒިމްގެ މައްޗަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ނާޒިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކުރާ ސަބަބަކީ "މައުޖޫދުވެފައިވާ ސަބަބެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަން އެނގޭ" ކަމަށެވެ. އެހެންވެ ނާޒިމްގެ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ނިންމާފައިވަނީ އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ނާޒިމް ބަންދުގައި ބަހައްޓަން ޕީޖީން ލަފާ ދީފައިވާއިރު އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން ވަނީ ޕީޖީއަށް މައްސަލަ ފޮނުވައިފަ އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ފޮނުވިކަމެއް މިހާތަނަކަށް ސާފެއް ނުވެއެވެ.

ނާޒިމް ހައްޔަރުކުރަން ނެރުނު އަމުރާއި ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ބުންޏެވެ.