ބޮލީވުޑް

ރާއްޖޭގެ ޓޫރިޒމް ޕްރޮމޯޓްކޮށްދޭ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ޕްރަތީކް

Aug 4, 2016
4

ދެހާސް އަށްވަނަ އަހަރު "ޖާނެތޫޔާ ޖާނެނާ" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު ޕްރަތީކް ބައްބަރުގެ ފިލްމީ ހަޔާތް އެހާ ކަމިޔާބެއް ނޫނެވެ. އޭނާގެ ފިލްމެއް ނުނިކުންނަތާ ދެއަހަރެއްހާ ދުވަސްވެގެން ގޮސްފައިވާއިރު، ޕްރަތީކް އަންނަނީ އެނބުރި ފިލްމު ކުޅެން ތައްޔާރުވަމުންނެވެ.

ޕްރަތީކް އަށް ބައެއް ފިލްމުތަކުން ހުށަހެޅުންތައްވެސް ލިބިފައިވާ ކަމަށްވާއިރު، އޭނާ މިވަނީ އިންޑިއާގެ މުމްބައިގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ރާއްޖޭގެ ގުޑްވިލް އެމްބެސެޑަރ ފޯ ޓޫރިޒަމް އަށް ހަމަޖައްސާފަ އެވެ. އަދި ޕްރަތީކް ވަނީ މިއަދުގެ ވަގުތެއްގައި ޗުއްޓީއެއް ހޭދަކުރުމަށް ރާއްޖެ ވެސް އައިސްފަ އެވެ. އޭނާގެ ރާއްޖެ އައިކަން ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ލިޔެފައިވާއިރު، ޕްރަތީކް ވަނީ އޭނާ ޗުއްޓީ ހޭދަކުރަނީ ޝެރަޓަން މޯލްޑިވްސްގައި ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ޕްރަތީކް ހަމަޖެއްސުމުން، އޭނާ އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ރާއްޖެ ފަދަ ރީތި ގައުމަކާ ގުޅުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރާއްޖެ އަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ޒިޔާރަތްކޮށް އެގައުމުގެ ރީތިކަން ބަލާލެވޭނެ ގައުމެއްގެ ގޮތުގައި ޕްރޮމޯޓްކޮށްދޭނެ ކަމަށް ބުނެފަ އެވެ.

"އަހަންނަކީ ވަރަށް ދަތުރުކުރާ ހިތްވާ މީހެއް. ރާއްޖެ އަކީ މަޖާ އަދި އަރާމުކޮށްލަން ވަރަށް ހިތްގައިމު ގައުމެއް" ޕްރަތީކް ބުނެފައިވެ އެވެ.

ޕަރްތީކް ރާއްޖޭގެ ގުޑްވިލް އެމްބެސްޑަރުގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން މުމްބާއީގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ އޮނަރަރީ ކޮންސޫލް ޝާލިން ތަންދޮން ވިދާޅުވީ ޕްރަތީކް އަކީ ވަރަށް ޖޯޝުން ފުރިގެންވާ އެކްޓަރަކަށްވެފައި، އޭނާ ފިލްމުތަކުގައި ދައްކާ ޖޯޝުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެ އަކީ އެންމެންނަށްވެސް ދެވޭނެ ތަނެއްގެ ގޮތުގައި ޕްރޮމޯޓްކުރަން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ރާއްޖެ ޕްރޮމޯޓްކުރުމަށް ޕްރަތީކް ރާއްޖޭގެ ހޭދަކުރާ ދުވަސްތަކުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލުމުގެ އިތުރުން ސްކޫބާ ޑައިވިން އަދި ކައިޓް ސާފިން ފަދަ ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެ އެވެ. އަދި މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.

އުމުރުން 19 އަހަރުގައި ބޮލީވުޑަށް ނިކުތް ޕްރަތީކް އަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ސްމިތާ ޕަޓިލް އަދި މަޝްހޫރު އެކްޓަރެއްގެ އިތުރުން ޕްލިޓިޝަން ރާޖް ބައްބަރް އަށް ލިބުނު ކުއްޖެކެވެ. ޕްރަތީކް ވިހެއުމުގެ ތެރޭގައި ދިމާވި ކަންތައްތަކެއްގެ ތެރޭގައި ސްމިތާ ވަނީ ޕްރަތީކް ވިހޭތާ ދެހަފްތާ ފަހުން މަރުވެފަ އެވެ. އޭގެފަހުން ޕްރަތީކް ބަލާބޮޑުކޮށްފައިވަނީ އޭނާގެ މާމަ އެވެ. އަދި އޭނާގެ ބައްޕަ އެހެން މީހަކާ ކައިވެނިކޮށް ވަރަށް އެކަނިވެރިކޮށް އުޅެންޖެހުމުން ވަރަށް ޅައުމުރުގައި ޕްރަތީކް ވަނީ ޑްރަގް ތެރެއަށް ވަދެފަ އެވެ. ޑްރަގްސް އަށް ރީހެބްގައި ފަރުވާ ހޯދުމަށްފަހު މުޅިން ރަނގަޅުވެފައިވަނީ ބޮލީވުޑަށް ނިކުތުމުގެ ކުރިންނެވެ.