ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތައް ނުބާއްވަން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވައި އެންގެވުންތަކަށް އަމަލުކުރުން ފަސްކުރަން އަންގައި ސިވިލް ކޯޓުން ދާދިދެންމެއަކު ވަގުތީ އަމުރެއް ނެރެފި އެވެ.
މި މައްސަލައަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ އެންމެހާ ގުނަވަންތައް ސަސްޕެންޑް ކުރައްވައި ޕާޓީގެ ކައުންސިލްގެ ބޭރުން މަޝްވަރާ އާއި ލަފާ ހޯދުމަށް އެކުލަވާލާފައިވާ މަޖިލީހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު ޕާޓީގެ ރައީސް އެކުލަވާލަންޖެހޭ މަޖިލީހެެއް ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި އޮތްވާ އެ މަޖިލިސް އުފައްދާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ކޯޓަށް ވެއްދި މައްސަލައެކެވެ.
މީގެ އިތުރުން ކައުންސިލްގެ ޖަލްސާ ބާއްވާފައިނުވާތީ ޕާޓީގެ ހިންގާ ގަވައިދާ އެއްގޮތަށް ޖަލްސާތައް ބާއްވައި ދެއްވުމަށާއި އަސާސީ ގަވައިދާ ހިލާފަށް ކުރައްވާފައިވާ ކަންތައްތައް ހުއްޓުވައި ދެއްވުމަށް ވެސް މި މައްސަލާގައި އެދިފައިވެ އެވެ.
މި މައްސަލަ ކޯޓަށް ވެއްދީ ޕީޕީއެމްގެ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
މި މައްސަލަ ކޯޓަށް ވެއްދި ދެ މެންބަރުން އެދި ވަޑައިގެންނެވި ގޮތަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެދީފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ރައީސް މައުމޫން ވަނީ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އަންގަވައި ނުރަސްމީ ދަތުރު ފުޅެއްގައި ބޭރަށް ފުރައިވަޑައިގަންފަ އެވެ.
މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ ހިންގުމުގެ ކަންކަން ގެންދަންވާނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ޕާޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ޕީޕީއެމްގެ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ފައިސަލާކުރުވަނިވި ހުކުމެއް ކުރަންދެން ޕީޕީއެމްގެ ރައީސް މައުމޫންގެ ހުއްދަނެތި ޕީޕީއެމްގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް ޕީޕީއެމްގެ ރައީސް އަންގާފައިވާ އެންގެވުމަށް އަމަލުކުރުން އިހަށް ފަސްކުރުމަށް އަންގާ ކަމަށެވެ. މި އަމުރުކޮށްފައިވަނީ ޕީޕީއެމްއަށާއި ޕީޕީއެމްގެ ރައީސްއަށާއި ޕީޕީއެމްގެ ކައުންސިލަށާއި އެހެން ގުނަވަންތަކަށާއި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށެވެ.