ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ސުނައިޕަރު ގެނައި މައްސަލާގައި އަދީބާއި އިތުރު ބަޔަކަށް ދައުވާކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްރީ ލަންކާއިން ސްނައިޕަރެއް ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް މިއަދު ދައުލަތުން ދައުވާ އުފުލައިފި އެވެ. މި މައްސަލާގައި ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަޑުޝަންކާގެ މައްޗަށް ވެސް ދައުވާ ވަނީ ކޮށްފަ އެވެ.

މި މައްސަލާގައި އަދީބާއި މަޑުޝަންކާގެ އިތުރުން ދައުވާ ކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ.

އަދީބާއި ފަޒީލުގެ މައްޗަށް ދައުވާ ކުރަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި މި ދެ މީހުން އިތުރު ބަޔަކާ ގުޅިގެން ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަ ކޮށްލުމަށްޓަކައި ބަޑިޖަހާ މީހަކު ހޯދުމަށް ރާވާފައިވާތީ އެވެ. އަދި މަޑުޝަންކާއަށް ދައުވާކޮށްފައިވަނީ ރޭވިފައިވާ ގޮތުގެ މަތިން މި އަމަލު ފުރިހަމަކުރުމަށްޓަކައި އެކަމަށް އެއްބަސްވެގެން އޭނާ ރާއްޖެއަށް އައިސްފައިވާތީ އެވެ.

މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި 82 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ 86 ވަނަ މާއްދާގެ (ހ)ގެ ދަށުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ.

އިސްހާގު ހުސެއިންއަށް ދައުވާ ކޮށްފައިވަނީ މި އަމަލުގެ މައުލޫމާތު އެނގިހުރެ މި އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާ ފައިސާ އަދީބު ވިދާޅުވި ފަރާތަކަށް ފޯރުކޮށްދީފައިވާތީ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.