ލައިފްސްޓައިލް

ކުދިންނަށް ނަމޫނާ ދެއްކުމުގައި މިކަންކަން ކޮށްލަމާ!

ތިއީ މަންމަ އެކެވެ. ނުވަތަ ބައްޕަ އެކެވެ. ބޮޑުވަމުން އަންނަ ދަރިފުޅަކު އެބަހުއްޓެވެ. ދަރިޔަކު ތަރުބިއްޔަތު ކުރުމަކީ ފަސޭހަކަމެއް ނޫން ކަން މިހާރު އެބަ އެނގެ އެވެ. ބޭނުންވަނީ އެންމެ ފުރިހަމަ ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރާށެވެ. ބޭނުންވަނީ ދަރިފުޅު މޮޅު އަދި އެހެން މީހުން ނަމޫނާއަކަށް ބަލާވަރުގެ ކުއްޖަކަށް ދަރިފުޅު ހަދާށެވެ.

އެހެންވީމަ އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެންމެ ރަނގަޅު ނަމޫނާ އަކަށް ވެވޭތޯ ބަލާށެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ދަރިފުޅު އަބަދުވެސް ތިމާއަކީ ނަމޫނާއަކަށް ބަލާނެ ކަމެވެ. ހަމައެކަނި ރަނގަޅުގޮތް ބުނެދިނަސް އެކަން ކުދިންނަށް ބަލައިގަންނަން އުނދަގޫވާނެ އެވެ. ބުނެދޭ އެއްޗަކާއި ފެންނަ މަންޒަރާއި ދިމާ ނުވާތީ އެވެ. އެހެންވީމަ ދަރިން ތަރުބިއްޔަތު ކުރުމުގައި މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.

ކުދިންގެ ކުރިމަތީ ބައިވެރިޔާގެ އަގު ހިފާއްޓާތި!

ތިހިރީ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ރުޅިއައިސްފަ ހެއްޔެވެ؟ ދެ މީހުން މައްސަލަ ޖެހުނީ ދޯ އެވެ. އެކަމަކު އެކަން ކުދިންގެ ކުރިމަތީގައި ހާމަ ނުކުރާށެވެ. ކުދިންގެ ކުރިމަތީގައި ބައިވެރިޔާއަށް އިހުތިރާމްކޮށް އަގު ހިފަހައްޓާށެވެ. އެހެން މީހުންނަށް އިހުތިރާމްކޮށް އަގު ހިފަހައްޓަން ކުދިންނަށް އެންމެ ފަސޭހައިން ދަސްވާނީ އޭރުންނެވެ. އަދި މަންމަ އާއި ބައްޕައަށް އެންމެ ފުރިހަމައަށް އިތުބާރުކޮށް އެކުދިންވާ ލޯބި އިތުރުވާނެ އެވެ. އަދި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ވެސް އިހުތިރާމްކޮށް ލޯބިވާނެ އެވެ. އަބަދުވެސް އަމަލުން ދައްކަންވާނެ އެވެ.

"ދަރިފުޅާ. ބަންގި ގޮވީނުން. އަވަހަށް ދޭ ނަމާދުކުރަން. ޤުރުއާންވެސް ކިޔަވަންވާނެ" މިއީ އަބަދުވެސް ދަރިންނަށް ދެވޭ ނަސޭހަތެކެވެ. އެކަމަކު ހަމައެކަނި ދަރިފުޅު ކައިރި މިހެން ބުނެފައި ފަރުޖައްސާ ނުލާށެވެ. ދަރިފުޅު ގޮވައިގެން ނަމާދު ކުރާށެވެ. ދަރިފުޅު ގާތު ނަމާދުކުރަން ބުނެފައި މަންމަ ނުވަތަ ބައްޕަ ނުކުރާނަމަ ކުއްޖާ ކުރާހިތުން ނުކުރާނެ އެވެ. އަދި އެކަން އާދަކުރުވަން ވެސް އުނދަގޫވާނެ އެވެ.

އަބަދުވެސް ކުއްޖާއަށް ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ދަސްކޮށްދޭން ސަމާލުކަން ދޭންވާނެ އެވެ. ޖަންކް ފުޑްސް އާއި ދަރިފުޅު ދުރުކޮށް ސިއްހަތަށް ފައިދާހުރި ކާނާ ކުއްޖާއަށް ދޭއިރު ތިމާގެ ކެއުންވެސް އެގޮތަށް ބައްޓަން ކުރަންވާނެ އެވެ. އަދި އެކަމުގެ މުހިންމުކަން ބުނެދޭންވާނެ އެވެ. ދުޅަހެޔޮ ލައިފް ބެލެންސެއް ގެންގުޅުމުގެ މުހިންމުކަން ބުނެދޭންވާނެ އެވެ. އަދި ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބާރުއަޅަންވާނެ އެވެ.

އަމިއްލަ ނަފްސު އަދި އަމިއްލަ ހަށިގަނޑުދެކެ ލޯބިވާން ކުއްޖާއަށް ދަސްކޮށްދޭންވާނެ އެވެ. އަމިއްލަ ހަށިގަނޑުދެކެ ލޯބިނުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އަންހެނުންނަށެވެ. ހާއްސަކޮށް އެމީހާއަކީ ފަލަ މީހެއް ނަމަ އެވެ. ފަލަވުމަކީ މައްސަލައެއް ނޫނެވެ. ފުރާވަރަށް އަޅަމުން އަންނަ ދަރިފުޅަށެވެ. ކުއްޖާއަށް އަމިއްލަ ނަފުސު ދެކެ ލޯބިވާން ދަސްކޮށް ނުދެވޭނަމަ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ކުއްޖާ ވެއްޓިގެން ދިއުމަކީވެސް ގާތްކަމެކެވެ.

ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. ދަރިން ލިބުމުން އަމިއްލަ ހޮބީސް އަދި ޕެޝަން މަތިން ހަނދާން ނައްތާލުމެވެ. ނުވަތަ ހަނދާން ނެތުމެވެ. ކުދިންގެ ކަންތަށް އިސްކޮށް އަމިއްލަ ކަންކަމަށް އެއްވެސް ވަގުތެއް ނުދެވުމެވެ. އެކަމަކު އަމިއްލަ ހޮބީތައް ދޫކޮށް ނުލާށެވެ. ތިމާ އެކަމެއް ޝައުގުވެރިކަމާއެކު ކުރާނަމަ ފަހަރުގައި ކުއްޖާވެސް އެކަމަށް ޝައުގުވެރިކަން އުފެދިދާނެ އެވެ. އަދި އެކުދިންގެ ޝައުގުވެރިކަން ހުންނަ ކަންތައްތައް ކުރަން އިސްކަންދީ އެކަމަށް ސަމާލުކަންދިނުމުގެ މުހިންމުކަން ވިސްނޭނެ އެވެ.

ވަރަށް މުހިންމު ކަމެކެވެ. ފައިސާގެ މުހިންމުކަން ކުދިންނަށް ވިސްނައިދިނުމެވެ. އަބަދުވެސް ބަޖެޓެއް ކަނޑައަޅައިގެން ހަރަދުތައް ވަކި މިންވަރެއްގައި ހިފަހައްޓަން ދަސްކޮށްދޭންވާނެ އެވެ. މިއީ އަމަލުން ކޮންމެހެންވެސް ދައްކަން ޖެހޭނެ ކަމެކެވެ. ގޭގެ ހަރަދުތައް ކުރާގޮތް ބުނެ ދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ދިރިއުޅުމުގެ ފެންވަރު ހިފަހައްޓަން ދަސްވާނީ އޭރަށެވެ.