ބޮލީވުޑް

ސަލްމާން ދެން ޔާޝްރާޖްގެ ފިލްމެއް ނުކުޅޭނެ!

Aug 5, 2016
2

މިދިޔަ ކުޑައީދުގައި ނުކުތް ސަލްމާން ޚާންގެ "ސުލްތާން" އަކީ މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ.

ޔާޝް ރާޖްސް އިން އުފެއްދި މި ފިލްމަށް ހަފުތާއެއްގެ ތެރޭގައި 200 ކްރޯޑް ލިބިގެން ވަނީ މިހާތަނަށް ޔާޝް ރާޖްސް އިން އުފައްދި ފިލްމަކަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފިލްމަށް ވެގެން ގޮސްފަ އެވެ.

މި ފިލްމު ކުޅެން ސަލްމާން އެއްބަސްވެފައިވަނީ ފިލްމަށް 300 ކްރޯޑަށް ވުރެން ގިނައިން ލިބިއްޖެ ނަމަ، ފިލްމަށް ލިބޭ ފައިދާގެ 20 ޕަސެންޓާއި 80 ޕަސެންޓާ ދެމެދު ފައިސާ އޭނާ އަށް ލިބެން ޖެހޭ ގޮތަށެވެ. ނަމަވެސް ޔާޝް ރާޖްސް އިން ފިލްމަށް ލިބުނު އާމްދަނީގެ އަދަދުތައް އޮޅުވާލައިގެން ދަށް އަދަދެއް ބުނެފައިވާ ކަމަށް ވެއެެވެ.

ސަލްމާނާއެކު އެއްބަސްވެފައިވާ ގޮތަށް ފިލްމަށް އިންޑިއާއިން 300 ކްރޯޑް ލިބުމުން އޭނާ އަށް ފައިދާއިން ވަރަށް ބޮޑު އަދަދެއް ދޭން ޖެހޭތީ ޔާޝް ރާޖްއިން ފިލްމަށް ޖުމްލަ ލިބުނު އާމްދަނީ އޮޅުވާލާފައިވާ ކަމަށް ނޫސްތައް ބުނެ އެވެ. ފިލްމުގެ ފައިދާއިން އެހާ ބޮޑު އަދަދެއް ސަލްމާނަށް ދޭން ބޭނުން ނުވާވާއިރު، ސަލްމާންގެ ފޭނުން އަންނަނީ ޓްވިޓާގައި ފިލްމުގެ އާމްދަނީ އޮޅުވާލައި ދަށް އަދަދެއް ނުބުނުމަށް ޔާޝްރާޖް އަށް ގޮވާލަމުންނެވެ.

މިފިލްމު ރިލީޒްވިތާ ހަތަރު ހަފްތާ ވެފައިވާއިރު، ފިލްމަށް އިންޑިއާއިން ލިބުނު ކަމަށްވަނީ 297 ކްރޯޑެވެ.

ސުޕަސްޓާ ޝާހްރުކް ޚާން އާއި އާމިރް ޚާންވެސް ޔާޝް ރާޖްގެ "ފޭން" އާއި "ދޫމް 3" ކުޅެފައިވަނީ ފިލްމުގެ ފައިދާ އިން އެ މިންވަރަށް އެމީހުންނަށް ލިބޭ ގޮތަށެވެ. އެ ދެތަރިންނަށް އެގޮތަށް ދީފައިވާއިރު، ސަލްމާން އަށް ނުދޭން މަސައްކަތްކުރާ ކަމަށް ބުނެ ޔާޝް ރާޖްގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ އާއި ސަލްމާންއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށްވެ އެވެ.

މީގެކުރިން ވެސް ސަލްމާން ކުޅުނު "އޭކް ތަ ޓައިގާ" އަށް ވެސް މިފަަ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އެ ފިލްމަށް ޖުމްލަ ލިބުނު އާމްދަނީ އަކީ 200 ކްރޯޑް ކަމަށް ޓްރޭޑް އެނަލިސްޓުން ބުނި ނަމަވެސް ޔާޝް ރާޖްސްއިން ވަނީ ފިލްމަށް ލިބުނު އާމްދަނީ އަކީ 196 ކްރޯޑް ކަމަށް ބުނެފަ އެވެ.

"ސުލްތާން" އަށް ލިބުނު އާމްދަނީގެ އަދަދު އޮޅުވާލައިގެން އުޅޭކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، މީގެ ފަހުން ސަލްމާން ޔާޝް ރާޖްގެ ފިލްމެއް ކުޅެފާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެ އެވެ. މިހާރުވެސް ޔާޝް ރާޖްގެ އެންމެ ކާމިޔާބު ސިލްސިލާ ފިލްމު ކަމަށްވާ "ދޫމް 4" ސަލްމާނަށް ހުށަހަޅާފައިވީ ނަމަވެސް އޭނާ ކުޅޭ ގޮތަށް ނިންމާފައިވަނީ ޑައިރެކްޓަރު މުސްތާން އާއި އައްބާސްގެ "ރޭސް 3" ކަމަށްވެ އެވެ.

މިހާތަނަށް ސަލްމާންގެ ހަތަރު ފިލްމަކަށް 200 ކްރޯޑަށް ވުރެން ގިނައިން ލިބިފައިވާއިރު، ބޮލީވުޑް ތަރިންގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ގަދަފަދަ އެކްޓަރަކަށް ސަލްމާން ވާނެ އެވެ.

އަލީ އައްބާސް ޑައިރެކްޓްކޮށްފައިވާ "ސުލްތާން" އަކީ ސަލްމާންގެ ކެރިއަރުގައި ވެސް ކުޅުނު އެންމެ ބުރަ ފިލްމެވެ. މިފިލްމަށް އޭނާގެ ބަރުދަންވެސް ބަރުކޮށް ގައިގެ މަސްތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި މިއީ ރެސްލިންތެޅުންތެރިއެއްގެ ހަޔާތް ދައްކުވައިދޭ ފިލްމަކަށް ވުމުން، ފިލްމުގައި ރެސްލިންތަޅާ ރޯލުތަކަށް ތައްޔާރުވުމުގެ ގޮތުން ވެސް ސަލްމާން ވަނީ ގިނަ ޓްރެއިނިން ތަކެއް ހަދާފަ އެވެ.