ރިޕޯޓް

އަހަރެމެންގެ ދުނިޔެއަކީ އެނބުރޭ ދުނިޔެއެއް!

Feb 20, 2015
4

އަހަރެމެންގެ ދުނިޔެއަކީ އެނބުރޭ ދުނިޔެއެކެވެ. މިދުނިޔެ ހަމަ އެކަނި އެނބުރެނީ އެއް ނޫނެވެ. އެނބުރުމުގެ އިތުރަށް އިރު ވަށައި ބުރަކަށް ދައުރު ވެސް ކުރެއެވެ. މިނިޒާމް މިގޮތަށް ނުހިނގާނަމަ އަހަރެމެންގެ ދިރިއުޅުން ވަރަށް ތަފާތުވީހެވެ. ދުވާލާއި ރޭގަނޑު ވާނީ ތަފާތު ދެ މޫސުމަކަށެވެ. ދުނިޔޭގައި އަނދިރިވެފައި އޮންނަބައި ފިނިކަމުން ދިރިއުޅެންް އުނދަގޫ ވާނެ އެވެ. ހަމަ އެހެންމެ އަބަދު ދުވާލު ވެފައިވާ އޮންނަބައި ހޫނު ގަދަކަމުން ކެތެއް ނުކުރެވޭނެވެ. އެހެން ނޫންނަމަ އަހަރެމެންގެ މިއޮތް ހިތްފަސޭހަ ދުނިޔޭގެ ހަރުދަނާ ނިޒާމް ގެއްލި ތަރުތީބު އޮޅޭނެ އެވެ.

މިއަދު އިންސާނުން ވަނީ ޖައްވު ދޫކޮށް ފަޒާއަށް ދަތުރު ކޮށްފަ އެވެ. ފޮޓޯ އާއި ވީޑިއޯއިން ފެންނަނީ ބުމަރެއް އެއްލީމަ އެނބުރޭ ފަދައިން ދުނިޔެ އެނބުރޭ ތަނެވެ. ދުނިޔެ، އިރު ވަށައި ދައުރު ކުރާތަންވެސް ފެނެއެވެ. ދައުރު ކުރަނީ ވަށް ބުރަކަށެއް ނޫނެވެ. ބިސް ބުރަކަށެވެ.  

ދުނިޔޭގެ އިތުރުންް އަހަރެމެން މި ދިރިއުޅޭ އިރަވީ ނިޒާމުގެ އެހެން ގުރަހަތައް އެނބުރޭ ތަނާއި އިރުވަަށައި ބުރުޖަހާ ތަންވެސް ފެނެއެވެ. އިރާ ދުރުވި ވަރަކަށް ގުރަހަތަށް ޖަހާ ބިސްބުރު ދިގުވެއެވެ. އަދި ބުރުޖަހާ ބާރު މިންވެސް ލަސްވެ އެވެ.

އަހަރެމެން ދުނިޔޭގައި އުޅޭއިރު ދުނިޔެ އެނބުރޭކަން އިޙްސާސް ކުރަން އުނދަގުލެވެ. ކިތަންމެ މައްޗަށް ފުންމިޔަސް ތިރީގައި އޮތް ބިން އެނބުރޭ ތަނެއް ނުފެނެ އެވެ. މީގެ އެއް ސަބަބަކީ ދުނިޔެ އެނބުރޭ ބާރުމިން ލަސްކަމުންނެވެ. އިންސާނުންނަށް މި ޖަވާބު ފެތުނަސް ދޫނި ފަަދަ އުދުހޭ ސޫފިތަކަށް ނުފެތެއެވެ. ދޫނިތައް އުދުހޭ އިރު ދުނިޔެ އޭގެ ދަށުން ނޭނބުރެނީ ކީއްވެގެން ހެޔްވެ؟ މި އަޖައިބުގެ ސިއްރަކީ ދުނިޔޭގެ ދަމާބާރެވެ. 

ދަމާބާރަކީ ބަރުމިން ހުރި ހުރިހާ އެއްޗެއްވެސް އެތަކެތި އަނެކައްޗާއި ދިމާއަށް ދަމާ ބާރެކެވެ. މިއީ ކައުނުގެ އަސާސީ ހަތަރު ބާރުގެ ތެރެއިން އެންމެ ދެރަ ބާރެވެ. ދެ އެއްޗެގެ ބޮޑުމިން ބޮޑުވާ ވަރަކަށް މި ބާރު ވަރުގަދަވެ އަދި ދުރުވާ ވަރަކަށް ދެރަވެއެވެ.

ދުނިޔޭގެ ދަމާބާރުގެ ވަރުގަދަ ކަމުން ދުނިޔެ ވަށައި އޮންނަ ޖަައްވަށް ވެސް މި ބާރުގެ ނުފޫޒު ފޯރައެވެ. މިހެން ކަމުން ދުނިޔެ އެނބުރުނު ނަމަވެސް ދުނިޔޭގެ ދަމާބާރުގެ ނުފޫޒުގެ އެތެރޭގައިވާ ތަކެއްޗަށް މި އެނބުރުން އިހުސާސެއް ނުކުރެވެއެވެ. ޖައްވުން ފަޒާ އަށް ދެވުމާއެކު މި ބާރުގެ ނުފޫޒުން ބޭރުވެ އެވެ. އަދި ދުނިޔޭ އެނބުރޭ ތަން ފެނެއެވެ. އިހުސާސް ކުރެވެއެވެ.

އިންސާނުން ޖައްވު ދޫކޮށް ފަޒާޔަށް އުޅަނދު ފޮނުވުމުގެ ކުރިން ދުނިޔޭގެ އެނބުރުމާއި ދައުރުކުރުމާއި ބެހޭ ގޮތުން ސައިންސް ވެރިން ގިނަ ސުވާލުތަކެއް ކުރިއެވެ. ފަރަންސޭސި ވިލާތުގެ ސައިންޓިސްޓު ލެއޯން ފޫކޯލްޓް ވަނީ 1851 އަހަރު، ވަރަށް ފަސޭހަ ގޮތަކަށް ދުނިޔެ އެނބުރޭކަން ދައްކައި ދީފައިވެއެވެ.

އޭނާ ވަނީ ބޮޑު ބަރެއް ވަލަކުން އެލުވައި އެބަރު ދުނިޔޭގެ އެނބުރުމާހުރެ އެނބުރޭ ގޮތް ތަފާތުވާކަން ދައްކައިދީފައެވެ. އޭނާގެ ކުރިންވެސް ތަފާތު ގިނަ ސަައިންސް ވެރިން ވަނީ މިކަމާބެހޭ ގޮތުން ޙިޔާލު ފާޅު ކޮށްފައެވެ. އެކަމަކު އޭނާގެ އީޖާދުން މިކަންތައް ގިނަ ބަޔަކަށް ކަށަވަރުވިއެވެ.

އަހަރެމެންނަކީ ފޫކޯލްޓްއަށް ވުރެ މާ ނަސީބު ގަދަ ބަޔެކެވެ. ދުނިޔޭގެ ވަަށަކަމާއި އެނބުރުން އަދި ދައުރު ކުރުމަކީ ޓެކްނޮލޮޖީގެ އެހީގައި މިއަދު ފޯނުންވެސް ބަލައިލެވޭ މަންޒަރެކެވެ. އެކަންތައް ހިނގާ ސަބަބުތަކާމެދު ގިނަ ސުވާލު އުފެދުނު ނަމަވެސް އެއީ ވާކަމެއްކަން ކަށަވަރެވެ. އެ މަންޒަރު ފެނެއެވެ. އެެއީ ނުވާ ކަމެއްކަން ބުނުމަކީ ކޮންމެ ދުވަހަކު އިރެއް ނާރައޭ ބުނުން ފަދަ ކަމެކެވެ. 

ދުނިޔެ މިގޮތަށް އެނބުރޭ ކަމުގައިވާ ނަމަ އަހަރެމެން ވައިގެ ބަނދަރުން ދަތުރު ކުރާއިރު މި އެނބުރުން އަހަރެމެންގެ ފައިދާ އަށް ބޭނުން ނުކުރަނީ ކީއްވެހެއްޔެވެ؟ 

އާންމުކޮށް ދުނިޔޭގެ ޖައްވު ނިމޭ ހިސާބާއި ފަޒާ ފެށޭ ހިސާބު ކަމަށް ބެލެވެނީ ލޮނުގަނޑުގެ އުސްމިނުން 100 ކިލޯ މީޓަރު މައްޗެވެ. މި ހިސާބަށް ސައިންސް ވެރިން ކިޔާ ނަމަކީ "ކާރމޭން ލައިން” އެވެ. އެ އުސް މިނަށް ދަތުރު ކުރުމަކީ ވަރަށް އަގު ބޮޑު އަދި އުނދަގޫ ކަމެކެވެ. ދުނިޔޭގެ ދަމާބާރުގެ ނުފޫޒުގެ ތެރެއިން މާ މަައްޗަށް ދަތުރު ނުކޮށް ސީދަލަށް ދަތުރު ކުރުމަކީ މާ ރައްކާތެރި، އަވަސް އަދި އަގު ހެޔޮ ހައްލެކެވެ. 

ރޭގަނޑު ތަރިތަކުގެ ފޮޓޯއެއް ނަގާއިރު 30 ސިކުންތަށް ވުރެ ގިނައިރު ލެންސް ހުޅުވާފަ ބަހައްޓައިފިނަމަ ފޮޓޯގެ ތަރިތައް ފުސް ވާނެއެެވެ. ކިތަންމެ މޮޅު ޓްރައިޕޮޑެއް ބޭނުން ކުރިޔަސް މި މައްސަލަ ދިމާާވާނެ އެވެ. މިއީ ދުނިޔެ އެނބުރުމުގެ ސަބަބުން ދިމާވާ އުނދަގުލެކެވެ. ސައިންސް ވެރިންނާއި ފޮޓޯގްރާފަރުން މިކަމުގެ ހައްލަކަށް ބޭނުން ކުރަނީ ދުނިޔެ އެނބުރޭ ދިމާލާއި އިދިކޮޅަށް ދުނިޔެ އެނބުރޭ ބާރުމިނަށް އެނބުރޭ ހަރެކެވެ. ޒަމާނީ ޓެލެސްކޯޕްތައް ވެސް މަސައްކަތް ކުރަނީ ހަމަ މިހެންނެެވެ.

ސައިންސްވެރިންގެ އެތައް ގަރުނެއްގެ ބުރަ މަސައްކަތާ ހުރެ އަހަރެމެންނަށް އެއްވެސް ޟައްކަކާއި ނުލާ ބުނަން ފަސޭހައެވެ. އަހަރެމެންގެ ދުނިޔެ އަކީ އެނބުރޭ ދުނިޔެއެކެވެ.