ބޮލީވުޑް

"ރައީސް" ގެ ޓްރެއިލާ ނެރޭނެ ދުވަހެއް ނޭނގެ

Aug 6, 2016

ސަލްމާން ޚާންގެ "ސުލްތާން" އާ ކުރިމަތިލުމަކަށް ނުދާންވެގެން އަންނަ އަހަރަށް ރިލީޒްކުރަން ލަސްކުރި ޝާހްރުކް ޚާންގެ "ރައީސް" ގެ ޓްރެއިލާ އަދި ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ޝާހްރުކްގެ ފޭނުން ތިބޭތާ އެތަކެއް ދުވަހެއް ވަނީ އެވެ.

"ޑޮން 2" ށް ފަހު ޝާހްރުކް ނެގެޓިވް ރޯލަކުން ފެނިގެންދާ މިފިލްމަކީ ވެސް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ފިލްމެއް ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީގައި މިފިލްމު ރިލީޒްކރާ ގޮތަށް ފަސްކުރުން ވެގެން ދިޔައީ އޭނާގެ ފޭނުން މާޔޫސްވި ކަމަކަށެވެ.

ޖެނުއަރީ 26 ވަނަ ދުވަހު ރިތިކް ރޯޝަންގެ "ކާބިލް" އާއެކު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަނިކޮށް ފިލްމުގެ ޑައިރެކްޓަރު ރާހުލް ދޯލާކިޔާ ވަނީ ޓްރެއިލާ އަދި ނެރެން ދުވަސް ނަގާނެ ކަމަށް ބުނެފަ އެވެ.

ރާހުލް ކުރި ޓްވީޓެއްގައި ފިލްމުގެ ޓްރެއިލާ މިހާރު އުފައްދަމުން އަންނަ ކަމަށް ބުނެފައިވާއިރު، ޓްރެއިލާ އާންމުކުރަން އަދި ވަގުތު ނާގާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ޓްރެއިލާ އުފެއްދުމުގެ މަސައްކަތް ކުރަމުން މިއަންނަނީ. ޓްރެއިލާ ނިންމަން ވަގުތު ނަގާނެ. އަދު ވަރަށް ދުވަސް އެބައޮތް ޓްރެއިލާ އާންމުކުރަން" ދޯލާކިޔާ ބުނެފައިވެ އެވެ.

ޝާހްރުކްގެ އެންމެފަހުން ރިލީޒްވި ދެފިލްމު، "ދިލްވާލޭ" އާއި "ފޭން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާއިރު، އޭނާގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ "ރައީސް" އާ އެވެ. އެގޮތުން "ކާބިލް" އާއި މިފިލްމު ކުރިމަތިލުމަކަށް ނުދާނެ ވެގެން އެފިލްމުގެ ޕްރޮޑިއުސަރުން ކިބައިން ވަނީ ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން އެދިފަ އެވެ.

"ރައީސް" އިން ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ބޮލީވުޑަށް ތައާރަފުވާއިރު މިފިލްމުގެ މުހިންމު ރޯލަކުން ނަވާޒުއްދީން ސިއްދީގީވެސް ފެނިގެންދާނެ އެވެ.