ދުނިޔެ

ރިއޯ އޮލިމްޕިކްސް: ފުރަތަމަ ރެކޯޑް ދެކުނު ކޮރެއާއަށް

Aug 6, 2016

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ބްރަޒިލްގެ ރިއޯޑިޖެނީރިއޯގައި ކުލަ ގަދަ ހަރަކާތަކާއެކު ރޭ ވަނީ ރަސްމީކޮށް ފަށައިފަ އެވެ.

ގޭމްސްގައި އެންމެ ފުރަތަމަ ރެކޯޑް ހެދީ ދެކުނު ކޮރެއާގެ ދުނި ދަނޑީގެ ކުޅިވަރު އާޗަރީން ކިމްވޫ ޖިން އެވެ. ޖިން މުގުރާލައިފައިވަނީ 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގައި ހަމަ ދެކުނު ކޮރެއާގެ ދުނި ދަނޑި ޖެހުންތެރިޔާ އިމް ޑޯންގް ހައިޔުންގެ ރެކޯޑެވެ.

އެ އަހަރު އާޗަރީން ރަންމެޑަލް ހޯދީވެސް ހައިޔުންއެވެ. އޭނާ ވަނީ އެއަހަރު 699 ޕޮއިންޓަށް ރެކޯޑް އަމާޒުކޮށްފަ އެވެ.

ކިމްވޫ ޖިން ވަނީ ރޭންކިން ރައުންޑްގައި 700 އަށް އަމާޒުކޮށްފައެވެ. އުމުރުން 24 އަހަރުގެ ކިމްވޫ ރިއޯއަށް އައީ އާޗަރީން ރަން މެޑްލް ހޯދުމުގެ އަމާޒުގައެވެ. އާޗަރީގެ ހީޓް އިވެންޓް އޮންނާނީ މިއަދުއެވެ.

"ދުނިޔޭގެ ރެކޯޑެއް ހެދުމަކީ ވަރަށް މުހިންމު ކާމިޔާބެއް. ނަމަވެސް އެންމެ މުހިންމީ ހީޓް އިވެންޓް. މާ ހާއްސަ އުފަލެއް ނެތް. އެންމެ ބޮޑު އުފަލަކަށް ވާނީ މިއަދު. އެއީ ރަންމެޑަލް ހޯދުން" ކިމް ބުންޏެވެ.

އޭނާގެ އަމާޒަކީ އާޗަރީގެ އިންޑަވިޖުއަލް އިވެންޓްވެސް ރަން މެޑަލް ހޯދުމުވެ. އިންޑިވޖުއަލް އިވެންޓް އޮންނާނީ މި އަންނ ހުކުރު ދުވަހުއެވެ.