ވިޔަފާރި

ވެކޭޝަންސް އެކްސްޕޯ އުންމީދު ކުރި ވަރަށްވުރެ ކާމިޔާބު: ކުންފުނިތައް

  • ކުންފުނިތަކުގެ ވިޔަފާރި ކާމިޔާބު
  • އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ
  • ބައިވެރިން ތިބީ އުފަލުން

ހައިރައިޒް އިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލަރީގައި މިހާރު ކުރިއަށްދާ "ވެކޭޝަންސް އެކްސްޕޯ" އުންމީދު ކުރި ވަރަށްވުރެ ވެސް ކާމިޔާބު ކަމަށް ބައިވެރި ކުންފުނިތަކުން މިއަދު ބުނެފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި މިރޭގެ ނިޔަލަށް ކުރިއަށްދާ "ވެކޭޝަންސް އެކްސްޕޯ" ގައި ބައިވެރި "މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް" ގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން ޝައުޝާން ޝަފީގު ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ވެކޭޝަންސް އެކްސްޕޯ ހުރިހާ ގޮތަކުން ވެސް އެ ކުންފުންޏަށް ކާމިޔާބު ކަމަށެވެ.

"ވަރަށް ކާމިޔާބުކޮށް ދަނީ. ވޭތުވެދިޔަ ދެ ރޭ ވަރަށް ގިނަ މީހުން ފެއާއަށް ގޮސް ގިނަ އަދަދެއްގެ އިންކުއަރީޒްތައް ވަނީ ލިބިފައި،" ޝައުޝާން ވިދާޅުވި އެވެ.

"މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް" އިން ވަނީ މި ފެއާގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް "މެޑިކަލް ޓޫރިޒަމް" ތައާރަފު ކޮށްފަ އެވެ.

ޝައުޝާން ވިދާޅުވީ އެ ކުންފުނިން މެޑިކަލް ޓޫރިޒަމަށް ތައާރަފުކޮށްފައިވާ ޕެކޭޖުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ވަރަށް ބައިވަރު އިންކުއަރީޒް ޕެކޭޖުތަކަށް އެބަހުރި ލިބިފައި. ހާއްސަކޮށް އިންޑިޔާއަށް ބޭސް ފަރުވާއަށް ދާ ގޮތަށް ހަދާފައިވާ ޕެކޭޖްގެ ޑިމާންޑް ބޮޑު. މި ޕެކޭޖުގައި އަޅުގަނޑުމެން ޕްރޮވައިޑް ކޮށްދީފައިވާނެ ގިނަ ދުވަހު ބޭސް ފަރުވާއަށް ގޮސް ތިބޭ އާއިލާތަކަށް ސާވިސް އެޕާޓްމަންޓްސް. މި ޕެކޭޖުތަކުގެ ޑިމާންޑް ވަރަށް ބޮޑު،" ޝައުޝާން ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގައި މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރި "އިނަ މޯލްޑިވްސް" ގެ ޑިރެކްޓަރު އަހުމަދު އިޖާޒު (އިޖާ) ވިދާޅުވި އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ކްރޫޒްލައިނާ ޕެކޭޖުތައް ވިއްކުން ކަމަށާއި، އެކަން ކާމިޔާބު ވެއްޖެ ކަމަށެވެ.

"ވަރަށް ބައިވަރު ހުށަހެޅުންތައް ލިބިއްޖެ މި ޕެކޭޖަށް. ބައެއް ގަޑިތަކުގައި ވަރަށް ބާރު ބޮޑުކޮށް އުޅެނީ. ފެއާގެ ތެރެއިން ޕެކޭޖުތަކަށް ފައިސާ ނުދެއްކޭތީ އޮފީހަށް އައިސް ގިނަ ބަޔަކު ވަނީ ޕެކޭޖަށް ފައިސާ ދައްކާ ވެސް ހަދާފައި،" އިޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ވެކޭޝަންސް އެކްސްޕޯ" އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ އިންތިޒާމުތައް ރަނގަޅު ފެއާ ކަމަށެވެ.

"އިންތިޒާމުތަކަށް ބެލިއަސް ބުނެވޭނީ ވަރަށް ފުރިހަމަ ކަމަށް. އެހެންވެ ވަރަށް ހިތްހަމަ ޖެހޭ ހުރިހާ ކަމާއި މެދުވެސް،" އިޖާ ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވި އެހެން ކުންފުންޏެއް ކަމަށްވާ މޫދު ހޮލިޑޭސްގެ އެސިސްޑެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މުހައްމަދު ރިޔާޒު ވިދާޅުވީ މި ފެއާއަކީ އެ ކުންފުންޏަށް ވަރަށް ކާމިޔާބު ފެއާއެއް ކަމަށެވެ.

"ވަރަށް ކާމިޔާބު. ދިވެހިންނަށް ހާއްސަކޮށް ވިއްކާ ރިސޯޓް ޕެކޭޖުތަކުގެ ޑިމާންޑް އުޅެނީ ވަރަށް މަތިކޮށް. މިއާއެކު އީދަށް ހާއްސަކޮށް ތައާރަފުކުރި ޕެކޭޖުތަކުގެ ޑިމާންޑް ވެސް މަތި،" ރިޔާޒު ވިދާޅުވި އެވެ.