އިޓަލީގެ މާރިއޯ ބަލޮޓޭލީ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ. އޭނާގެ ބުންވަރާއި ފަންވަރާ މެދު ސުވާލު އުފައްދާނެ ފުޓްބޯޅައިގެ އެކްސްޕާޓެއް ނެތެވެ. ނަމަވެސް އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ ގެންދާނެ ކުލަބެއް ނެތެވެ.
ބަލެޓޮލީގެ ސީނިއާ ކެރިއާ ފެށީ 2006 ވަނަ އަހަރު އާދައިގެ ކުލަބަކުންނެވެ. އެއަށްފަހު އިޓަލީގެ އިންޓަމިލާންއިން 2007 ވަނަ އަހަރު އޭނާގެ ފުރަތަމަ ފެނިލުމުންވެސް އެއީ އިޓަލީގެ ފުޓްބޯޅައިގައި ތަރިއަކަށް ވެދާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް އިންޓަގެ އޭރުގެ ކޯޗް ޖޯސޭ މޮރީނިއޯ، ބަލެޓޮލީއާ މައްސަލަ ޖެހުނެވެ. މެންޗެސްޓާ ސިޓީން އޭނާ ހޯދުމަށް 30 މިލިއަން ޑޮލަރު ހުށަހެޅުމުންް އިންޓައިން ވަނީ ފަސޭހަ ކަމާއެކު އޭނާ މެން ސިޓީއަށް ދޫކޮށްލާފަ އެވެ.
މެން ސިޓީީއިން އޭނާ އާ ބައްދަލުވީ ރޮބާޓޯ މަންޗިނީއެވެ. މަންޗިނީ ބެލެވުނީ ބަލޯޓެލީގެ ގޮތް ރަނގަޅަށް އެނގޭ، އޭނާގެ ހުނަރާއި ކުޅުމުގެ ސްޓައިލް ދަނޑުމަތީގައި ނެރެދެވޭނެ ކޯޗެއް ކަމުގައެވެ. ނަމަވެސް މަންޗިނީއާއެކު އޮންނަންޖެހޭ ގުޅުންވެސް ގޯސްވެގެން ދިޔައެވެ. އެންމެ ފަހުން މަންޗިނީ ބެލީ ބަލޮޓެލީއަކީ ޓީމުގައި ހުއްޓަސް ނެތް ކުޅުންތެރިޔެއްގެ ގޮތުގައެވެ.
މެން ސިޓީއާއެކު ލީގް ކާމިޔަބު ކުރުމަށްފަހު 2013 ވަނަ އހަރު ބަލެޓޮލީ ބަދަލުވީ އިޓަލީގެ އޭސީ މިލަންއަށެވެ. އޭސީ މިލާންގައި 80 މެޗުން 30 ލަނޑު ޖެހުމަށްފަހު އޭނާގެ ފެންވަރު ދައްކައިލިއެވެ. އަނެއްކާވެސް އޭނާގެ އެހީ ހޯދަން ބައެއް ކުލަބުތަކުން ޝައުގުވެރިކަން ފާޅު ކުރިއެވެ.
މިލާންއާއެކު އެއް އހަރު ދުވަހުގެ މުއްދަތެއް ހޭދަ ކުރުމަށްފަހު އަލުން އިނގިރޭސި ލީގަށް ގެނައުމަށް އޭނާގެ އަތުގައި ހިފީ ލިވަޕޫލުންނެވެ. މިލާންއިން އޭނ ގަެނައުމަށްޓަކައި ލިވަޕޫލުން ވަނީ އެކުލަބަށް 20 މިލިއަން ޔޫރޯ ދީފައެވެ. ނަމަވެސް ލިވަޕޫލަށް އޭނާވީ ބޮޑު ފުލަޕަކަށެވެ. އެންމެ ފަހުން އޭރު ލިވަޕޫލްގެ ކޯޗް ބްރެންޑެން ރޮޖާސްއަށް ޖެހުނީ ބަލެޓޮލީ އެކަހަެރިކޯށްފައި ބެހެއްޓުމަށެވެ.
ސަޕޯޓަރުންގެ ފާޑު ކިޔުން
ދެވަނަ ފަހަރަށް މިލާންއަށް އޭނާ އައީ ލިވަޕޫލާއެކު ލޯން އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް މިފަހަރު މިލާންގައި އޭނާގެ ޖާދޫއެއް ނުފެނުނެވެ. މިލާންއާއެކު 23 މެޗުން އޭނާއަށް ޖުނީ ތިން ގޯލެވެ. ނަތީޖާއަކަށްވީ 2012 ވަނަ އހަރު ޔޫރޯގައި އިޓަލީ ޓީމާއެކު މޮޅު ކުޅުމެއް ދެއްކި ބަލެޓޮލީއަށް އިޓަލީގެ ޔޫރޯ ސްކޮޑުންވެސް ފުރުސަތު ގެއްލުމެވެ.
ކުޅޭނެ ކުލަބެއް ނެތް
މިއަންނަ ހުކުރު ދުވަހު 26 ވަނަ އުފަން ދުވަސް ފާހަގަ ކުރާ ބަލެޓޮލީ މިހާރު ހުރީ ކުޅޭނެ ކުލަބެއް ނެތިފައެވެ. އޭނާ ނިސްބަތްވާ ހޯމް ދަނޑެއް ނެތިފައެވެ. ލިވަޕޫލާއެކު ހަދައިފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއް ނަމަވެސް، އޭނާ މިވަގުތު ހޭދަކުރަމުން ދަނީ ލިވަޕޫލްގެ ޒުވާން ޓީމައެކުއެވެ. ލިވަޕުލްގެ އާ ކޯޗް ޖޯޖަން ކޮލެޕްގެ ޕްރީ ސީޒަން ޓްއާގައި އޭނާ ބަލެޓޮލީއަށް ފުރުސަތެއް ނެތެވެ.
އޭނާ ގެންދަން ޓީމުތަކުން ޖެހިލުމްވާ އެންމެ ބޮޑު ސަބަބަކީ އޭނާގެ އަހްލާގެވެ. ދަނޑު މަތީގައި ޑިސިޕްލިންއާއި ދަނޑުން ބޭރުގައި ކުރާ ކަންކަމުގެ ސަބަބުން މުހިންމު މެޗްތަކަށް ސަސްޕެންޑްވެ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވުމެވެ.