ހަބަރު

"ފަންނީ މަސައްކަތެރިކަން ދަސްކުރާ ކުދިންގެ އަދަދު އިތުރުވެއްޖެ"

Aug 7, 2016
  • ވޮކޭޝަނަލް ކޯސްތަކުގައި 2000 އަށްވުރެ ގިނަ ކުދިން
  • ކޯސް ފުރިހަމަ ކުރާ ކުދިންގެ އަދަދު މައްޗަށް
  • ޓިވެޓުގެ ކޯސްތަކުގައި 3002 ކުދިން

ފަންނީ މަސައްކަތެރިކަން ދަސްކޮށްދޭން އަލަށް ފެށި، "ޓެކްނިކަލް ވޮކޭޝަނަލް ސްޓްރީމް" ގެ ކޯސްތަކުގައި ކިޔަވާ ކުދިންގެ އަދަދު ބޮޑުތަން އިތުރުވެގެން ގޮސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

"އުރީދޫ ސްމާޓް ކެމްޕަސް" ގެ ކޯސްތައް ޕޮލިޓެކްނިކްގައި ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ފަންނީ މަސައްކަތެރިކަން ދަސްކޮށްދޭ ކޯސްތަކަށް ކުދިންގެ ޝައުގުވެރިކަން އިތުރުވެ، މި ކޯސްތަކުގައި މިހާރު 2085 ކުދިން މިހާރު ކިޔަވަމުންދާ ކަމަށެވެ.

"މި ސްޓްރީމްއަކީ ބެލެނިވެރިންގެ ތަރުހީބު ވަރަށް ފުރިހަމައަށް ލިބޭ އަދި ދަރިވަމުންވެސް ވަރަށް ފުރިހަމައަށް ބަލައިގަންނަ ސްޓްރީމެއް. މި ސްޓްރީމްގެ ދަށުން ކިޔަވަން ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާ ވާހަކަވެސް ދަންވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ދަސްކޮށްދޭން "ޓިވެޓް" ގައި ހިންގާ ޓްރެއިނިންތަކުގައި 3002 ޒުވާނުން ތަމްރީންވަމުންދާ ކަމަށެވެ.

"މޯލްޑިވް ޕޮލިޓެކްނިކްގެ އާބާދީއަކީ މީގެ ދެތިން އަހަރު ކުރިން ދެތިން ސަތޭކަ. ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަ ކުރާ ކުދިންގެ އަދަދަކީ ފަންސާހުން ދަށުގައި. ނަމަވެސް މިހާރު މި ކުދިންގެ އާބާދީއަކީ އަށް ސަތޭކަ. އެހެންވެ ފަހުން 2016 ގައި ބޭއްވި ދަސްވެރިވުމުގައި 200 ކުދިންވަނީ ދަސްވެނިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދުގައި ޕޮލިޓެކްނިކްގެ ކޯސްތައް ހިންގަމުންދާ ކަމަށެވެ.

"މިއަދު މިފަށާ ކޯސްތައް [އުރީދޫ ސްމާޓް ކެމްޕަސް] ގެ ސަބަބުން ކޯސްތައް ފުރިހަމަ ކުރާ ކުދިންގެ އަދަދު އިތުރުވާނެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރަކީ ރައްޔިތުންނަށް ދެއްވާ އުންމީދުތައް ހަގީގަތަށް ހަދައި ދެއްވާ ސަރުކާރެއް،" މިނިސްޓަރު ވިދާޅުވި އެވެ.