ވިޔަފާރި

އިނގިރޭސި ވިލާތުގައި ދިވެހި މަހުގެ އަގު 60 ޕަސެންޓް ބޮޑުވެއްޖެ

ސްރީ ލަންކާގަައި އުފައްދާ މަހުގެ ބާވަތްތައް ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ގައުމުތަކަށް އެތެރެކުރުން މަނާކޮށްފައި ވާތީ އެ ސަރަހައްދުގައި މަހުގެ ސަޕްލައި ދަށްވެ އިނގިރޭސި ވިލާތުގައި ދިވެހި މަހުގެ އަގު 60 ޕަސެންޓަށް އުފުލިއްޖެ އެވެ.

މަހުގެ ވިޔަފާރިއާ ބެހޭ ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި އީޔޫ އަށް މަހުގެ ބާވަަތްތައް ދެ ވަނަ އަށް އެންމެ ގިނައިން އެތެރެކުރާ ލަންކާގެ އުފެއްދުންތައް މަނާ ވުުމުން ޔޫރަޕްގައި އަގަށް އެންމެ ބޮޑެތި ބަދަލުތަކެއް އަންނަމުން ދަނީ ތާޒާ އަދި ފިނިކުރި ކަންނެލި މަހުގެ އެވެ. އިނގިރޭސި ވިލާތަށް އިންޑިއާ އިން އެތެރެކުރާ މަހުގެ އަގު 20 ޕަސެންޓް އަދި ރާއްޖެ އިން އެތެރެކުރާ މަހުގެ އަގު ކުރިއާ އަޅާބަލާއިރު 60 ޕަސެން ބޮޑުވެފައިވާ ކަމަށް އެ ގައުމުގައި މަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެ އެވެ.

ލަންކާގެ މަހުގެ ބާވަތްތައް އީޔޫގައި މަނާކުރި އިރު އަހަރަކު 74 މިލިއަން ޔޫރޯގެ މަސް ލަންކާ އިން އީޔޫ އަށް ވިއްކަ އެވެ.

އަގަށް އައި މި ބަދަލާ އެކު އިނގިރޭސި ވިލާތުގައި މަސް ކިލޯއެއްގެ އަގު މިހާރު އުޅެނީ 18 ޕައުންޑާއި 20 ޕައުންޑާ ދެމެދު (27-30 އެމެރިކާ ޑޮލަރު) އާ ދެމެދުގައި ކަމަށް 'އަންޑަކަރަންޓްނިއުސް' ގައި ބުނެފައިވެ އެވެ.

ވިޔަފާރީގެ ބޭނުމަށް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ކަމަށް ބުނެ ލަންކާގެ މަހުގެ ބާވަތްތައް އީޔޫގައި މަނާކޮށްފައި ވުމުން އިނގިރޭސި ވިލާތުގައި މަހުގެ އަގު ބޮޑުވެ، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ވަނީ ކަންބޮޑުވުމާ ކުރިމަތިވެފަ އެވެ. އެ ގައުމަށް މަސް އިންޕޯޓްކުރާ ބައެއް ފަރާތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ރާއްޖޭގެ މަހުގެ އަގު 30-60 ޕަސެންޓް އުފުލިފައިވެ އެެވެ. ނަމަވެސް މި އަހަރު ފެށުނު އިރު ރާއްޖެ އިން މަސް ލިބުނު އަގާ އަޅާބަލާއިރު އަގު ހަމަޔަކަށް އެޅޭނީ 20 ޕަސެންޓުގެ ބޮޑުވުމަކާ އެކުގައި ކަމަށް ލަފާކުރެ އެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުުގައި ކަނޑު މަހުގެ އަގު ބޮޑުވުމާ އެކު، މަހުގެ ބާވަތްތަކާ ގުޅުން ހުރި އެހެން ވިޔަފާރިތަކުން މިހާރު ދަނީ ބަދަލުގައި ބޭނުންކުރެވިދާނެ މަހުގެ ބާވަތްތައް ހޯދަމުންނެވެ.