ވިޔަފާރި

މޯލްޑިވިއަން އިން މުންބާއި އާއި ނިއުދިއްލީއަށް އުދުހެން ފަށަނީ

Aug 7, 2016
1

މޯލްޑިވިއަން އިން މުންބާއި އާއި ނިއުދިއްލީ އަށް ދަތުރުތައް ފަށަން ތައްޔާރީތައް ވާން ފަށައިފި އެވެ.

ރާއްޖެއަށް "ހަތް ލައްކަ ފަންސާސް ވަނަ ޓޫރިސްޓު" އައުން ފާހަގަ ކުރުމަށް އައިއެންއައިއޭ ލައުންޖުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ނިއުދިއްލީ އާއި މުންބާއީ އަދި ރާއްޖެއާއި ދެމެދު ގުޅުވާލުމަށް އައިލެންޑް އޭވިއޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިންޑިޔާއަކީ ވެސް ކުރިއަރަމުން އަންނަ މާކެޓެއް އެހެންވެ އޯވަރޯލްކޮށް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ޒަމީރު ވިދާޅުވި އެވެ.

ނިއުސް ކޮންފަރެންސަށްފަހު "އަވަސް" އާ ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ އުދުހުންތައް ބާއްވާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ މުންބާއީ އާއި ދިއްލީގެ ދަތުރުތަކާމެދު މަޝްވަރާ ކުރުމަށް އެ ކުންފުނީގެ ޓީމެއް ވަރަށް އަވަހަށް ފުރާނެ ކަމަށެވެ.

"ދަތުރު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން މި ދަނީ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިހާރު ދަތުރުކުރަނީ އިންޑިޔާގެ ޓްރިވެންޑާއި ބަންގްލަދޭޝަންގެ ޑާކާގެ އިތުރުން ޗައިނާގެ ހަތް މަންޒިލަކާއި ބެންކޮކަށެވެ.