މޯލްޑިވިއަން

ސްޕައިސް ޖެޓަށް ބޯޓު ކުއްޔަށް ދީގެން ރަނގަޅު ނަފާއެއް ލިބޭ

އިންޑިއާގެ ސްޕައިސް ޖެޓަށް، މޯލްޑިވިއަންގެ ސީޕްލޭން ކުއްޔަަށް ދީގެން ރަނގަޅު ނަފާއެއް ލިބޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ސްޕައިސް ޖެޓުގެ ސީޕްލޭން ދަތުރުތައް ކުރުމަަށްޓަކައި އެ ކުންފުނީގެ ސީޕްލޭން ކުއްޔަށް ދިނުމަކީ ރަނގަޅު ވިޔަފާރިއެއް ކަމަށެވެ.

"ސްޕައިސް ޖެޓާ ގުޅިގެން އިންޑިއާގައި ކުރާ ދަތުރުތަކަކީ ފައިނޭންޝަލީ ފީޒިބަލް އަދި ރަނގަޅު ނަފާއެއް ލިބޭ މަސައްކަތެއް. ފުރަތަމަ އެއް އެ ކުންފުންޏާ [ސްޕައިސް ޖެޓާ] އެކު އެއްބަސްވެވުނީ އެއް މަހަށް. އެކަމަކު މިހާރު އެއްބަސްވުން ތިން މަހަށް ވަނީ އިތުރު ކުރެވިފައި،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން މި މި ދަތުރުތަކުގެ ސަބަބުން ކުންފުނީގެ "އެކްސްޕޯޝާ" ވެސް ހައިވާނެ ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަކަކީ ޓީއެމްއޭ. ހަމައެއާއެކު އަޅުގަނޑުމެން މިތިބީ. އެހެންވެ، މިއީ ރަނގަޅު އެކްސްޕޯޝާއެއް ލިބުމުގެ އިތުރުން ފައިނޭންޝަލް ކަމެއް،" މިހާދު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީޕްލޭން އިންޑިއާ އަށް ގެންދިޔައީ އެ ގައުމުގައި ސީޕްލޭން ދަތުރުތައް އިފުތިތާހު ކުރުމަށެވެ. އަދި އޭގެ ފަހުން އިންޑިއާގައި މި ހިދުމަތްދޭ ސްޕައިސް ޖެޓުން ވަނީ މޯލްޑިވިއަންގެ ކްރޫއިންނާއެކު ސީޕްލޭން ގެންގޮސް އެ ގައުމުގައި ހިދުމަތް ފަށާފަ އެވެ. މިގޮތަށް ދެ ބުރެއްގެ މަތިން މޯލްޑިވިއަންގެ ބޯޓު ކުއްޔަށް ގެންގޮސްފައިވެ އެވެ.