ބޮލީވުޑް

19 އަހަރު ފަހުން ސަންޖޭ ދަތާއި މާދުރީ އެކުގައި ފިލްމަކުން

Aug 8, 2016
1

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސަންޖޭ ދަތާއި މާދުރީ ޑިކްޝިޓަކީ ނުވަދިހައިގެ އަހަރުތަކުގައި ނިކަން މަގުބޫލު ޖޯޑެކެވެ. މިދެތަރިން 1990 ވަނަ އެކުގައި ކުޅުނު ފިލްމު "ސާޖަން" ގެ ޝޫޓިންގެ ތެރެއިން ގާތްގުޅުމެއް އުފެދި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.

މާދުރީ އާއި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، ސަންޖޭ އޭނާގެ ފުރަތަމަ އަންހެނުން ރިޗާ ޝާރްމާ އާއި ކައިވެނިކޮށްގެން އުޅުނު ނަމަވެސް މިދެތަރިންގެ ގުޅުން ވަނީ 1993 ވަނަ އަހަރު ސަންޖޭ އަމިއްލަ ނަފްސު ހިމާޔަތްކުރަން މަނާ ހަތިޔާރު ގެންގުޅުނުކަން ސާބިތުވުމާ ހަމައަށް ކުރިއަށް ގޮސްފަ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ކާމިޔާބު ފިލްމުތަކަކުން އެކުގައި ފެނިގެން ގޮސްފައިވާ މިޖޯޑު ނަވާރަ އަހަރު ފަހުން އަލުން ފިލްމަކުން ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. މިދެތަރިން އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 1999 ވަނަ އަހަރު ނިކުތް "މަހާންތާ" އިންނެވެ.

މިދެތަރިންނަށް ހުށަހެޅުން ލިބިފައިވަނީ ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާގެ "މާކޯ ބާއު" ނަމަކަށް ކިޔާ ފިލްމަކުން ކަމަށްވެ އެވެ. ސަންޖޭ މިފިްލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާއިރު، މާދުރީ އަށް ފިލްމުގެ ބަތަލާގެ ރޯލު ވަނީ ހުށަހަޅާފަ އެވެ.

ވިންދޫ އަކީ މާދުރީގެ ވަރަށް ގާތް އެކުވެރިޔަކަށްވީއިރު، އޭނާގެ އެދުމުގެ މަތިން މާދުރީ އަންނަނީ މިފިލްމުގެ ސްކްރިޕްޓް ކިޔަމުންނެވެ. އަދި މާދުރީ މިރޯލުކުޅެން އާނބަސް ބުނާނެ ކަމާ މެދު ވަރަށް ޔަގީންވާ ކަމަށްވެސްވެ އެވެ. ވިންދޫ އަކީ ތަފާތު ޖޯޑުތައް ފިލްމުތަކުން ދައްކާލަން ކުޅަދާނެ ޕްރޮޑިއުސަރެކެވެ.

ވިންދޫގެ ދައްތަ ޝެލީ ޗޯޕްޅާ ޑައިރެކްޓްކުރާ މިފިލްމުގައި ސަންޖޭ ފެނިގެންދާނީ ފުރާވަރު އުމުރުގެ އަންހެން ކުއްޖެއްގެ ބައްޕަގެ ރޯލުންނެވެ.

މާދުރީ އެންމެފަހުން ފިލްމަކުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނިކުތް "ދޭޅް އިޝްގް" އިންނެވެ. އަދި ސަންޖޭ އެންމެފަހުން ކުޅެފައިވާ ފިލްމަކީ "ޕީކޭ" އެވެ. ސަންޖޭ ޖަލުން މިނިވަންވި ފަހުން އޭނާ އަށް އަންނަނީ ގިނަ ފިލްމުތަކަކުން ހުށަހެޅުން ލިބެމުންނެވެ.