ބޮލީވުޑް

ރަންބީރާ ކެޓްރީނާގެ ސިއްރު ބައްދަލުވުން! އަލުން ގުޅެނީ؟

Aug 8, 2016

ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލިފަހުން މިދެތަރިން އަލުން ގުޅުމުގެ އެއްވެސް ނިޝާނެއް މިހާތަނަށްވެސް ފެނިފައެއް ނުވެ އެވެ.

ރުޅިވިއިރު ދެތަރިން އެކުގައި ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިންގެ ތެރޭގައިވެސް އެކަކު އަނެކަކާ އަނގައިން ބުނެފައިނުވާއިރު، މިދެތަރިންގެ ގާތްފަރާތްތަކުން ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުކުރަން މަސައްކަތްކުރި ނަމަވެސް، ރަންބީރާއި ކެޓްރީނާ ތިބީ ސުލްހަވާ ގޮތަކަށް ނޫނެވެ.

ދެމީހުން އެކުގައި ދިރިއުޅެމުން އައި ގެއިން ރަންބީރު ނިކުމެގެން ގޮސް ވަކިން ދިރިއުޅެން ފަށާފައިވާއިރު، އެދެމީހުން ރުޅިވުމުގެ އަސްލަކީ ކޮބައިކަން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. މިހާތަނަށް ރަންބީރާއި ކެޓްރިނާ އިވެންޓަކަށް ނުވަތަ ބޮލީވުޑްގެ އެހެން ހަފްލާއަކަށް ދިޔަ ނަމަވެސް ބަލާފައިވަނީ ދެމީހުން ބައްދަލުނުވާނެ ގޮތަކަށެވެ.

މިދެތަރިން އަލުން ގުޅޭތޯ ދެމީހުންގެ ފޭނުންވެސް އިންތިޒާރުކުރި މިހާތަނަށްވެސް އަލުން ގުޅުމުގެ ވިސްނުމެއް ގެންގުޅުނު ހެނެއް ހިޔެއްނުވެ އެވެ. ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވީ ނަމަވެސް ވަގުތާއެކު ދެތަރިންގެ ގުޅުން އަލުން ބަދަހިވަމުން އަންނަ ކަމުގެ މަލަމަތި އަންނަނީ ފެންނަމުންނެވެ.

ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރު ވަނީ މިފަހުން ކެޓްރިނާ މުމްބައިގައި ދިރިއުޅެމުން އަންނަ ގެއަށް ގޮސްފަ އެވެ. ބޮލީވުޑްގައި ހަރަކާތްތެރިވާ ކެޓްރީނާގެ ގާތްއެކުވެރިޔަކު އޭނާއަށް ޒިޔާރަތެއް ކުރުމަށް އެގެއަށް ދިޔައިރު ރަންބީރު އެގޭގައި ހުރިތަން ފެނުމުން ވަރަށް ހައިރާންވި ކަމަށް ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ކެޓްރީނާގެ އެކުވެރިޔާއަށް ރަންބީރު ފެނުމުން ބޮޑު ހައިރާންކަމެއް ލިބުނު ނަމަވެސް އެދެތަރިން ތިބީ ވަރަށް ހަމަޖެހިފައި ކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެންކަމުން އަލުން މިދެތަރިން ބައްދަލުކުރުމުން ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުވެ، އަލުން ގުޅެން މަސައްކަތްކުރަނީ ކަމަށް ވެދާނެ އެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވުމުގެ ދުވަސްކޮޅެއް ކުރިން މިދެތަރިން ކައިވެނިކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. އަދި ރަންބީރާ ރުޅިވެ ކެޓްރިނާގެ ހިތް ހަލާކުވެފައިވާއިރު، މިދިޔަ ދުވަސްތަކަކީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.