މިދިޔަ އަހަރުގެ ލީގް ޗެމްޕިއަން ލެސްޓާ ސިޓީ ބަލިކޮށް ސީޒަން ހުޅުވާ އިނގިރޭސި އެފްއޭގެ ކޮމިޔުނިޓީ ޝީލްޑް ކާމިޔާބު ކުރުމަށްފަހު މެންޗެސްޓާ ޔުނައިޓަޑްގެ އާ ކޯޗް ހޯސޭ މޮރީނިއޯ އެޓީމުގެ ކުރީގެ ކޯޗް ލުއިސް ވެންހާލްއަށް ތައުރީފް އޮއްސައިފި އެވެ.
ޖޭސް ލިންގާޑް މެން ޔޫއަށް ލީޑް ނަގައިދީފައި ވަނިކޮށް، ވާޑީ ކާމިޔާބު ކުރި ގޯލުން މެޗް އެއްވަރުވާން ދަނިކޮށް، މެޗުން މެންޔޫ މޮޅު ކޮށްދިން ލަނޑު ކާމިޔަބު ކުރީ މިދިޔަ ސީޒަންގައި ފްރާންސްގެ ޕީއެސްޖީގައި ހުރެފައި ފްރީ ޓްރާންސްފާއެއްގެ ދަށުން މެންޔޫއާ ގުޅުނު ޒަލްޓާން އިބްރޮހިމްވިޗެވެ.
މެން ޔުނައިޓަޑަށް ޗެރިޓީ ޝީލްޑުން ފުރުސަތު ލިބުނީ އެފްއޭކަޕް ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.
"އަހަރެން ވެންހާލްއަށް ޝުކުރު އަދާ ކުރަން. މި ޓްރޮފީ މި ލިބުނީ ކުޅުންތެރިންނަށާއި ކުލަބަށާއި ސަޕޯޓަރުންނަށާއި އަހަންނަށް. ނަމަވެސް އަހަރެން މި މެޗްގައި މިހުރީ އަހަރެން ކުރި މަސައްކަތަކުން ނޫން. މިއީ ވެންހާލް މިޓީމަށް އެފްއޭކަޕް ކަމިޔާބުކޮށް ދިނުމުން." މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ "މި ކާމިޔާބު ލިބުމުން ވެންހާލްއަށް މަރުހަބާ ކިޔާ ކަމަށާއި ވެންހާލްއަކީ މި ކާމިޔާބުގެ ހިއްސާދާރެއް،" ކަމަށެވެ.
މޮރީނިއޯ ބުނީ ޓްރޮފީއަކާއެކު ލީގް ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ.
ޗެލްސީގެ ކޯޗްގެ ގޮތުގައި ހުރެ އެންމެ ފަހުން ކުޅުނު ތިން ކޮމިޔުނިޓީ ޝިލްޑް މެޗުންވެސް މޮރީނިއޯ ވަނީ ބަލިވެފައެވެ. މިއީ ޔުނައިޓަޑުން ކޮމިޔުނިޓީ ޝީލްޑް ހޯދި 21 ވަނަ ފަހަރެވެ. އެ ޓްރޮފީ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ވެސް އެޓީމެވެ.