އެމްއެންޑީއެފް

ދިވެހި ވައިގެ އަސްކަރިއްޔާ އުފައްދަން އިންޑިއާ ޕާކިސްތާނުން އެހީ

Aug 8, 2016
3
  • މީހުން ތަމްރީނު ކުރަން މި މަހު ހުޅުވާލާނެ
  • އިންޑިއާއިން ތިން ފައިޓާ ޖެޓް ދޭނެ
  • ޕާކިސްތާނުން ކްރެޑިޓް ފެސިލިޓީގައި ދެ ބޯޓް

އިންޑިޔާ އާއި ޕާކިސްތާނުން ރާއްޖެއަށް އަސްކަރީ ބޮޑެތި އެހީތަކެއް ދޭން ނިންމާފައިވާ ކަމަށާއި އެ އެހީތަކާއެކު ރާއްޖެގެ ވައިގެ އަސްކަރިއްޔާ އުފައްދަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ފައިޓާ ޖެޓްގެ ތިން އެއާކްރާފްޓެއް ރާއްޖެއަށް ދޭން ނިންމާފައިވާއިރު ވައިގެ އަސްކަރީ ދާއިރާއަށް ބޭނުންވާ މީހުން ވެސް އިންޑިއާއިން ތަމްރީނު ކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ޕާކިސްތާނުން ވެސް ދެ މަތިންދާބޯޓް ރާއްޖެއަށް ދޭނެ ކަމަށާއި، ޕާކިސްތާނުން އެ ދެ ބޯޓް ދޭނީ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވ ރާއްޖޭގެ ވައިގެ އަސްކަރިއްޔާގެ މަސައްކަތްތައް ފަށާނީ ދާއިރާއަށް ބޭނުންވާ ދިވެހިން ބިނާކޮށްގެން ކަމަށާއި އެކަމަށް މީހުން ބިނާ ކުުރުމަށް އިންޑިއާއިން ދިން ތަމްރީން ޕްރޮގްރާމްތަކަށް ބޭނުންވާ މީހުން ހޯދަން މި މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ޕީއެސްއެމްއަށް މިނިސްޓަރު ދެއްވި އިންޓަވިއުގެ އިތުރު ތަފުސީލް ހޯދަން އަވަސް އިން މަސައްކަތް ކުރި ނަމަވެސް އިތުރު މައުލޫމާތެއް ސާފުވާ ގޮތެއް ނުވި އެވެ.

މިދިޔަ އަހަރު ވެސް އިންޑިޔާއިން ވަނީ ރާއްޖެއަށް މަތިންދާބޯޓެއް ހަދިޔާކޮށްފަ އެވެ، އެ ބޯޓް އަދި ރާއްޖެ ގެނެސްފައެއް ނުވެ އެވެ. ވައި އަސްކަރީ ބާރެއް އުފައްދަން މަސައްކަތް ކުރާއިރު ކައްދޫ ވައިގެ ބަނދަރު މިހާރު ވަނީ އަސްކަރީ ވައިގެ ބަނދަރަކަށް ބަދަލުކޮށްފަ އެވެ.