އައްޑޫ ސިޓީ

ސިޓީ ބާޒާރުގެ ހަ ފިހާރައެއް ކުއްޔަން ދޫކުރަނީ

Aug 8, 2016

އައްޑޫސިޓީ ކައުންސިލާއި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހިތަދޫގައި ގާއިމްކުރާ "ސިޓީ ބާޒާރު" ގައި މިހާރު އިމާރާތްކޮށް ނިމިފައިވާ 10 ފިހާރައިގެ ތެރެއިން ކުއްޔަށް ދޫނުކުރެވި ހުރި ހަ ފިހާރަ ކުއްޔަށް ދޫކުރަން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ ފިހާރަތަތަކަކީ އެކި ބާވަތުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށް ދޭން ނިންމާފައިވާ ފިހާރަތަކެއް ކަމަށެވެ. މި ފިހާރަތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދަން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަން އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދަން އެދޭ ފޯމް ދޫކުރަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ފޯމުސެޓެއްގެ އަގަކީ 150ރ. ފޯމާއި ޕްރޮޕޯޒަލް ބަލައިގަންނަން ހަމަޖެހިފައިވަނީ މިމަހުގެ 18 ދުވަހު އެވެ.