ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 110 މިލިއަން ޔޫރޯއަށް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާ ފްރާންސްގެ މިޑްފީލްޑާ ޕައުލް ޕޮގްބާއަށް މެންޗެސްޓާ ޔުނައިޓޭޑްގެ އާ ކޯޗް ހޯސޭ މޮރީނިއޯ މަރުހަބާ ކީ ޕޮގްބާގެ ކުރިމަގަށް އުންމީދީ މެސެޖުތަކެއް ދެމުންނެވެ.
ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗަށް ފަހު މޮރީނިއޯ ވަނީ ފުރަތަމަ ފަހަރަށް ޕްގޮގްބާ މެން ޔޫއަށް ބަދަލުވުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ޔުނައިޓަޑުން ވެސް ވަނީ ޕޮގްބާ އެޓީމަށް ބަދަލުވުމާ ބެހޭގޮތުން އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސްއާ އެކު ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ނިމި ދެ ކުލަބުގެ ދެމެދުގައި ނިންމަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ބުނެފަ އެވެ.
އުމުރުން 23 އަހަރުގެ ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ މެންޔޫގައި ހުރުފައި ފްރީ ޓްރާންސްފާއެއްގަ އެވެ. ނަމަވެސް މެންޔޫއިން އަލުން އޭނާ އެ ކްލަބަށް ގެންނައިރު ޔޫރަޕްގެ ފުޓްބޯޅައިގައި ޕޮގްބާ އަކީ އޭނާގެ އަގާ އެއްވަރަށް ހުނަރުވެސް ހުރި ކުޅުންތެރިޔެކެވެ.
ދަ ގާޑިއަން ބުނާ ގޮތުން، މެން ޔުނައިޓަޑާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރަން މިއަދު ޕޮގްބާ މެންޗެސްޓާއަށް ދާނެ އެވެ. ނަމަވެސް އޭނާ ރަސްމީ އެގްރިމެންޓްގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
"ކުރިއަށް އޮތް ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ އޭނައަކީ އަހަރުމެންގެ ކުޅުންތެރިޔެއް. އަންގާރަ ދުވަހު އަހަރެން އޭނާއަށް އިންތިޒާރު ކުރާނަން" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޕޮގްބާއަށް ހުށަހެޅި އަގަކީ ކިހާވަރެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށާއި އަދި އެގަކީ ދުނިޔޭގެ ރެކޮޑް ފީއެއް ކަމެއްވެސް ނޭނގޭ ކަމަށެވެ.
"އަހަރެމެން ސޮއި ކުރުވިން ޑިފެންޑަރަކާއި ސްޓައިކަރަކާއި މިޑްފީލްޑަރެއް. މީ އަހަރެމެންނަށް ރަނގަޅު ޓްރާންސްފާ މާކެޓެއް. ހަގީގަތުގައި ވެސް އަހަންނަކަށް ނޭންގެ ޕޮގްބާއަށް ހުށަހެޅި ސީދާ އަދަދެއް." މޮރީނިއޯ ބުންޏެވެ.
އޭނަ ބުނީ މެން ޔޫ އިން ގެންނަނީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި އަދި މެންޔޫއަކީ އޭނާ ދާން ބޭނުންވާ އެންމެ މައްޗަށް ދިއުމަށް އެކަށީގެންވާ ކުލަބެއް ކަމަށެވެ.
"އަހަރެމެން ބޭނުން މެންޗެސްޓާ ޔުނައިޓަޑް އަލުން އެއް ވަނަ ކުލަބަށް ހަދަން. ދުނިޔޭގެ އެންމެ މޮޅު ކުލަބަށް ހަދަން، އަހަރެމެން ބޭނުން ދުނިޔޭގެ އެއްމ މޮޅު ކުޅުންތެރިން. [ޕޮގްބާ] އަށް ހުށަހެޅުމަށް އަހަރެމެން އަތުގައި ހުރިހާ އެއްޗެއްވެސް އެބަހުރި އަދި އޭނާއަށް ވެސް އެނގޭ މި ކުލަބް. އަދި އޭނާ ބޭނުންވޭ މިކުލަބުގެ ޕްރޮޖެކްޓްގައި ބައިވެރިވާން،" މޮރީނިއޯ ބުންޏެވެ.