ކުނި މެނޭޖް ކުރުން

ދެ ރަށެއްގެ ކުނިކޮށި އަޕްގްރޭޑްކޮށް އިތުރު ރަށެއްގައި ކޮށި އަޅަން ހަވާލުކޮށްފި

ރ. މީދޫ އަދި ބ. ކުޑަރިކިލު ކުނިކޮށި އަޕްގްރޭޑްކޮށް ގއ. މާމެންދޫ ކުނި ކޮށި ގާއިމްކުރަން ހަވާލުކޮށްފި އެވެ.

ޕީއައިއެސްއައިޕީގެ ދަށުން މީދޫ އަދި ކުޑަރިކިލު ކުނިކޮށި އަޕްގްރޭޑް ކުރަން ނިންމައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ދެރަށުގެ ކުނިކޮށި އަޕްގްރޭޑްކުރާ މި ޕްރޮޖެކްޓަށް 823،000ރ. ހަރަދުކުރާނެ އެވެ.

އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ މި ދެ ރަށުގެ ކުނިކޮށީގެ މަސައްކަތް ނިމޭއިރު އެ ދެ ރަށް ހިމެނޭ ދެ އަތޮޅުގެ އެހެން ރަށްތަކުގައި ގާއިމްކޮށްފައި ހުރި ކުނިކޮށިތަކާ އެއް ފެންވަރަށް ކުނި ކޮށި އަޕްގްރޭޑްވާނެ ކަމަށެވެ. މި މަސައްކަތަކަށް ބޭނުންވާ އިކުއިޕްމަންޓުތައް މިހާރު އެ ރަށްތަކަށް ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާމެންދޫ ކުނި ކޮށްޓަކީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ލޯނު އެހީ އާއި ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓް ހަވާލު ކުރީ ބްރޯހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތަށް 1.15 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މިއީ ވެސް މި އަހަރު ނިންމާ މަސައްކަތެކެވެ.

އަންނަ އަހަރު ނިމެންވާއިރަށް އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި އަޅާ ނިންމާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އެންވާރަމެންޓު މިނިސްޓްރީން ވަނީ ނ، ރ، ބ އަދި ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރަން ރ. ވަންދޫގައި ގާއިމްކުރި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ވެމްކޯއާ ހަވާލުކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާފަ އެވެ.