މިނިސްޓްރީ އޮފް އެޑިއުކޭޝަން

މުހްޔިއްދީން ސްކޫލްގައި ހަތަރު ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

Aug 8, 2016

ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގައި ހަތަރު ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފި އެވެ.

ބާރަ ކްލާސްރޫމާއި، ލައިބްރަރީ އަދި ސްޓާފްރޫމް ހިމެނޭ މި އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" އާ އެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް، އިބްރާހިމް އިސްމާއީލް މިއަދު ވިދާޅުވީ މި ޕްރޮޖެކްޓަށް 11,554,786.49ރ ހަރަދު ކުރަން ނިންމާފައިވާ ކަމަށެވެ.

މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ޕްރޮޖެކްޓެކެވެ.

ޕީއައިއެސްއައިޕީ އަދި ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ކްލާސް ރޫމްތައް އަދި ސްކޫލްތަކަށް ބޭނުންވާ އުމްރާނީ އެހެނިހެން ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށް އެބަގެންދެ އެވެ. އެގޮތުން 49 ޕްރޮޖެކްޓެއްގެ ދަށުން 319 ކްލާސްރޫމް، 12 ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 23 އުމްރާނީ ވަސީލަތެއް ހޯދުމުގެ މަސައްކަތް ހިމެނެ އެވެ. އެ ޕްރޮޖެކްޓްތަކުގެ އަގު 316 މިލިއަން ރުފިޔާއަށް އަރާކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

މިއަހަރުގެ ޕީއައިއެސްއައިޕީ އިން ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 359،720،163.00ރ. އެވެ.