ބޮލީވުޑް

ރިލީޒްކުރުމުގެ ކުރިން ރިތިކްގެ "މޮހެންޖޯ ދަރޯ" އަށް 60 ކްރޯޑް

Aug 9, 2016

އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ބޮލީވުޑްގެ ބޮޑު ދެއެކްޓަރުންގެ ދެ ފިލްމެއް މި ހުކުރު ދުވަހު ރިލީޒްވާނެ އެވެ. އަކްޝޭ ކުމާރުގެ "ރުސްތޮމް" އާއި ރިތިކް ރޯޝަންގެ "މޮހެންޖޯ ދަރޯ" އަކީ ބޮޑު ކުރިމަތިލުމަކަށް ދާނެ ފިލްމެއް ކަން މިހާރުން ފެށިގެން ވަނީ ޔަގީންވެފަ އެވެ.

މި ދެފިލްމުގެ ތެރެއިން ބޮލީވުޑްގެ ގިނަ ތަރިންނެއް ތާއީދު ކުރަމުން އަންނަނީ އަކްޝޭގެ "ރުސްތޮމް" އަށް ނަމަވެސް ރިތިކްގެ ފިލްމު ސިނަމާތަކާ ހަމައަށް އައުމުގެ ކުރިން މިވަނީ 60 ކްރޯޑް ލިބި، ފިލްމު އުފައްދަން ކުރި ހަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފައިސާ ލިބިފަ އެވެ.

"މޮހެންޖޯ ދަރޯ" ގެ މިއުޒިކް ރައިޓްސް އަށް 15 ކްރޯޑް އަދި ސެޓަލައިޓް ރައިޓްސް ވިއްކައިގެން 45 ކްރޯޑް ލިބިފައިވާއިރު، މި ފިލްމު އުފައްދާފައިވަނީ 115 ކްރޯޑްގެ ބަޖެޓަކުންނެވެ.

އެހެންކަމުން ފިލްމަށް ކުރި ހަރަދު ފޫބައްދަން ފިލްމު އުފެއްދި ފަރާތުން އިންޑިއާއިން އެކަނި ބޭނުންވަނީ 45 ކްރޯޑެވެ. އަދި ބޭރު ދުނިޔޭގެ ގައުމުތަކުން 15 ކްރޯޑެވެ.

"މޮހެންޖޯ ދަރޯ" ގެ ޓްރެއިލާ:

އިންޑަސްވެލީ ހަޟާރަތުގެ ޒަމާނުގެ ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިފިލްމަކީ ދެއަހަރުގެ މެދުކެނޑުމަކަށްފަހު ރިލީޒްވާ ރިތިކްގެ ފިލްމެކެވެ. މިފިލްމުގައި ރިތިކާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ޕޫޖާ ހެގްޅޭ އެވެ.

އާޝުތޯޝް ގޯވަރިކާ ޑައިރެކްޓްކޮށް، އޭއާރް ރަހްމާންގެ ހިތްގައިމު މިއުޒިކް ހިމެނޭ މިފިލްމާއެކު "ރުސްތޮމް" ރިލީޒްވި ނަމަވެސް އެފިލްމަކީ މިފިލްމުގެ ބަޖެޓުގެ ދެގުނަ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އަދި މިފިލްމު އިންޑިއާގެ އެކި ކަންކޮޅުތަކުގެ 2500 އެއްހާ ސްކްރީންތަކުގައި ރިލީޒްިކުރާއިރު، އަކްޝޭގެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ 2000 ސްކްރީންގަ އެވެ.

ފިލްމު އަޅުވާ ސްކްރީންތަކަށް ބެލި ނަމަވެސް އަދި ފިލްމުގެ ބަޖެޓަށް ބެލި ނަމަވެސް މިދެފިލްމަކީ އަޅުވާ ކިޔާލެވޭނެ ވަރުގެ ދެފިލްމެއް ނޫނެވެ. އަދި ދެފިލްމުގެ ވާހަކީވެސް އެހާ ތަފާތު ދެވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކަށްވީއިރު، އަކްޝޭގެ "ރުސްތޮމް" އަކީ އިންޑިއާގެ ނޭވީ އޮފިސަރަކު އޭނާގެ އަންހެނުންގެ ވަގު ލޯބިވެރިޔާ މަރާލި ހާދިސާގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

"މޮހެންޖޯ ދަރޯ" ގެ ޑައިރެކްޓަރު އާޝުތޯކް އަކީ ރިތިކްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއްފިލްމު ކަމަށްވާ "ޖޯދާ އަކްބަރު" ވެސް އުފެއްދި ޑައިރެކްޓަރެވެ. އެފިލްމަކީ ވެސް ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މިދެފިލްމުގެ ތެރެއިން ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާނެ ފިލްމެއް އިނގޭނީ ހުކުރު ދުވަހު ދެފިލްމު ރިލީޒްވުމުންނެވެ.