މީގެ ގާތްގަނޑަކަށް 13 ވަރަކަށް އަހަރު ކުރިން މުހައްމަދު މާޒިންގެ ދެ ލޮލުގެ ފެނުން މުޅިން ގެއްލުނެވެ. އުމުރުން 18 އަހަރުގައި ދިމާވި، ހިތްދަތި ވަގުތުގައި މާޔޫސްވެ ކަރު އެލުވައިލުމުގެ ބަދަލުގައި އޭނާ ކާމިޔާބު ހޯދި އެވެ. މިހާރު އެއީރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތްކުރުމުގައި އަހަރުތަކެއް ހޭދަކޮށްފައިވާ ހިދުމަތްތެރިއެކެވެ. އަދި އެއީ މިހާރު ދުވުންތެރިއެއް ވެސް މެއެވެ.
މާޒިންގެ ލޮލުގެ ފެނުން ގެއްލުނީ ކުޑަ އިރުއްސުރެ ލޮލަށް ދިމާވަމުންދިޔަ ގިނަ މައްސަލަތަކަކަށް ފަރުވާކުރަމުން ދަނިކޮށް، ރައްޓެހިންތަކެއް ކުރި ސަމާސާއެއްގެ ތެރެއިންނެވެ. އުމުރުން 10 އަހަރުގައި ކަނާތު ލޮލުގެ ފެނުން ގެއްލުމަށްފަހު ރަނގަޅަށް ހުރި ވާތު ލޮލަށް މައްސަލަތަކެއް ކުރިމަތިވާން ފެށުމުން، އެ ލޮލުގެ ފެނުން ގެއްލިދާނެތީ ކުރި އޮޕަރޭޝަނާއެކު ނާޒުކު ހާލަތެއްގައި ހުރި ލޮލަށް، ފަޓާހެއްގެ ކަނިތައް ބުރައިގެން ދިޔަ ހިސާބުން މާޒިންގެ ދެލޮލުގެ ފެނުން މުޅިން ގެއްލުނީ އެވެ.
ނަމަވެސް މާޒިން ދެކަމެއްގައި ހިފި އެވެ. ވިސްނުމާއި އާއިލާގެ އަޅާލުމެވެ. އެކަން ކަމުން ހިތްވަރު ހޯދައިގެން ދުއްވައިގަންނާށެވެ.
"އޭރު އަބަދު ހުންނަނީ ހަމަ ބޯ ގޮވާފަ. ނާންނާނެ ރަނގަޅު އެއްވެސް ވިސްނުމެއް. ގެއިން ބޭރަށް ނިކުމެވެނީ އެއް ނޫން. ތިން ފަހަރަށް އަމިއްލަޔަށް މަރުވާން އުޅުނިން. އެހެން އުޅެމުން ރޭޑިއޯ އަޑު އަހަން ފެށީ. ރޭޑިއޯ އަޑު އަހަނިކޮށް އެނގުނީ މިއީ ކޮންމެހެން މާޒިން އެކަނި އުޅޭ ހާލެއް ނޫންކަން. ލޮލަށް ނުފެންނަ އެހެން ކުދިންވެސް އުޅޭ ކަން. އެމީހުން ސަކަރާތް ޖަހާ ހީ ހަދާ އުޅޭ. ހިތަށް އެރި އެމީހުންނަށް އެހެން ހީ ސަމާސާކޮށް އުޅެވެންޏާ މާޒިން އަށް ކީއްވެހޭ ނޫޅެވެންވީ،" އޭނާ ބުންޏެވެ.
ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކުރިއަށްދާން ޖެހިލުންވެފައި ތިބި އެތައް ބަޔަކަށް މިސާލު ދައްކަމުން އަންނަ މާޒިން، ދުވަން ފެށީ ވެސް އެ މަގުސަދެއްގަ އެވެ. ލޮލުން ނުފެންނަ މީހަކަށް ކާރޫބާރޫ ބޮޑު މަގެއްގެ މަތީގައި ޖެހިލުންކުޑަ ކަމާއެކު ހިނގުމަކީ ވެސް ހިތްވަރުން ކުރެވޭ ކަމަކަށް ވާއިރު، މާލޭގެ މަގުތަކުގައި ދުވުމަށް މާޒިން ނިންމީ، ލޮލަށް ނުފެންނަ މީހުންގެ ހައްގަށް ވަކާލާތުކުރާ ޖަމިއްޔާއެއްގެ ވެރިއެއްގެ ހައިސިއްޔަތުން، އޭނާ ފަދަ އެހެން މީހުންނަށް މިސާލެއް ދެއްކުމުގެ ގޮތުންނެވެ. "ވާނެ" ކަން ސާބިތު ކޮށްދިނުމަށެވެ.
"ދުވަން ފެށި ގޮތަކީ އެއްދުވަހަކު ބޭފުޅަކު އައިސް ވިދާޅުވި ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެއޭ، މަނާ ކުރަން ބޭނުމަސް މާޒިންއަކަށް އެ ފުރުސަތެއް ނެތޭ. ދެން ދުވަން ފަށަންވީއޭ ބުނީމަ އަޅުގަނޑު ބުނެފިން ހުރިހާ ކަމެއް ވިޔަސް ތިކަމެއް ނުވާނެއޭ. އެހެން ބުނާއިރަށް ވިދާޅުވެއްޖެ ލޮލަށް ނުފެންނަ ކުދިންގެ ޖަމިއްޔާއެއްގެ އިސްވެރިއަކަށް ތިހެން ނުބުނެވޭނެ އޭ. ދެ އެތަނުން ނިންމައިފިން އެ ޗެލެންޖް ވެސް ނަގަން. އެކަންވީ ހީކުރި ވަރަށްވުރެ ވެސް އުނދަގޫ ކަމަކަށް،" މާޒިން ބުންޏެވެ.
އެއްމަހުގެ ޕްރެކްޓިސް އަކަށްފަހު 2012 ވަނަ އަހަރު ދިރާގު ރޯޑްރޭހުގައި މާޒިން ބައިވެރިވި އެވެ. އޭގެ ފަހުން ޖެހިޖެހިގެން ދެއަހަރު ދުވުމަށްފަހު މެދުކަނޑާލީ 2014 ވަނަ އަހަރު ބޭއްވި ޓީއެފްޖީ ރަންގައި ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ޑޮކްޓަރުގެ ލަފައަ އެއްގޮތަށް މިދިޔަ އަހަރު އެއްވެސް ދުވުމުގެ ހަރަކާތެއްގައި ބައިވެރި ނުވެ ހުރުމަށްފަހު މާޒިން އަނެއްކާވެސް ދުވަން ފަށައިފި އެވެ. ނަމަވެސް މިފަހަރުގެ އަޒުމަ މާ ވަރުގަދަ އެވެ. މާ ބުރަ މަސައްކަތާއި ހިއްވަރުވެސް ބޭނުންވެ އެވެ.
އޭނާގެ ކޯޗް އަބްދުﷲ މަސްއޫދާއި، އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ މަރުޒޫގާއެކު މިހާރު މާޒިން ތައްޔާރުވަމުން ދަނީ އަންނަ އަހަރު ކުރީކޮޅު އޭޝިއާގައި ބާއްވާ "ލޯންގް ޑިސްޓެންސް ރަން" ގައި ބައިވެރިވުމަށެވެ.
"މިހާރު ބޭނުންވަނީ އެންމެ ކަމެއް. އިންޓަނޭޝަނަލް މުބާރާތެއްގައި ދުވެ، އެކަން ފުރިހަމަ ކުރަން. އާންމުކޮށް ލޯންގް ޑިސްޓެންސް ރަންގައި ބައެއް މީހުން ރޭސް ފުރިހަމަ ނުކުރާނެ. އެކަމަކު މާޒިން އެގޮތް ބޭނުމެއް ނޫން. މާޒިން މިހާރު މި ދުވަނީ 5000-10000 މީޓަރު ލޯންގް ރަންގައި... ދުވެވޭނެތޯ އުފެދޭ ސުވާލަށް ބުނާނީ، މި ތިން އަހަރުވެސް ދުވީއޭ. އެހެންވީމަ އެ މުބާރާތުގައި ވެސް ދުވެވޭނެއޭ! މަރޭގެ ސަޕޯޓް ވަރަށް ލިބޭ،"
މާޒިންއާއެކު އޭނާގެ ޕާޓްނަރެއްގެ ގޮތުގައި ދުވަނީ މަރުޒޫގެވެ. ބޭނުންވާ ކާމިޔާބާ ހަމަޔަށް ވާސިލުވުމަށް މާޒިން ވަނީ ފުރިހަމަ އިތުބާރާއެކު އޭނާގެ އެހީތެރިންނާއެކު މަސައްކަތް ފަށާފައެވެ. މާޒިންއަށް "ވާނެ" ކަމާމެދު ޝައްކެއް ނެތެވެ.