ބޭރު ކުޅިވަރު

ދުނިޔޭގެ ރެކޯޑް ފީ އަކަށް ޕޮގްބާ އަލުން މެންޔޫ އަށް

Aug 9, 2016

ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 110 މިލިއަން ޔޫރޯގެ ޓްރަންސްފާ ފީ އަކަށް ފްރާންސްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމާއެކު އަލުން މެންޗެސްޓާ ޔުނައިޓަޑާ ގުޅިއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން މެންޔޫ ދޫކޮށް ޕޮގްބާ އިޓަލީގެ ޔުވެންޓަސްއާ ގުޅުނީ 1.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ އެއްގެ ދަށުންނެވެ.

މެން ޔޫގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ ޕޮގްބާއަކީ "ކުރިއަށް އޮތް ދިހަ އަހަރުވެސް އޭގެ ފަހުންވެސް މެންޔޫގެ ހިތް ކަމުގައި ވެގެންދާނެ" ކަމަށެވެ.

މެން ޔޫގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ޕޮގްބާ ބުނީ އަލުން ޔުނައިޓަޑާ ގުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި އެ ކްލަބަށް އޭނާގެ ހިތުގައި ހާއްސަ ޖާގައެއް ދެވިފައިވާ ކަމަށެވެ.

އަދި މޮރީނިއޯ ކޯޗް ކަމުގެ ދަށުން މަސައްކަތް ކުރުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށާއި ކެރިއަރުގައި އިތުރު ކާމިޔާބު ހޯދުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ޕޮގްބާ ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ މެންޗެސްޓާ ޔުނައިޓަޑަށް އެނބުރި އާދެވުނީ ރަނގަޅު ވަގުތެއްގައި ކަމަށް. މީ އަހަރެން ހޯދަން ބޭނުންވާ ކާމިޔާބު ހޯދުމަށް އެންމެ އެކަށޭނެ ކުލަބް" އުމުރުން 23 އަހަރުންގެ ކުޅުންތެރިޔާ ބުންޏެވެ

މޮރީނިއޯ މެން ޔޫގެ ކޯޗް ކަމާ ހަވާލުވި ފަހުން އޭނާ ވަނީ ޕޮގްބާގެ އިތުރުން އެރިކް ބެލީ އާއި ޒަލްޓާން އިބްރިހިމްވިޗް އަދި ހެންރިކް މުހްތާރިޔަން އެޓިމަށް ގެން ގޮސްފަ އެވެ.

"ޕައުލް [ޕޮގްބާ] އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް. އަދި އޭނާ އަކީ އަހަރެން މި ކުލަބުގައި ބިނާ ކުރަން ބޭނުންވާ ޓީމުގައި މުހިންމު ކުޅުންތެރިޔެއް ކަމުގައި ވާނެ" މޮރީނިއޯ ބުންޏެވެ.