ބޭރު ކުޅިވަރު

ސީނިއާ ކުޅުންތެރިން ނެތަސް މެޗަށް ތައްޔާރު: ޒިދާން

Aug 9, 2016

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔޫއެފްއާ ސްޕަ ކަޕްގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ނިކުންނަ ރެއާލް މެޑްރިޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެރެތު ބޭލްއާއި ކަރީމް ބެންޒަމާއާއި ކްރިސްޓިއާނޯ ރޮނާލްޑޯ (ބީބީސީ) އާއި އެހެން މުހިންމު ކުޅުންތެރިންނަށް ނުކުޅެވުމެވެ. ނަމަވެސް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ މުހިންމު ކުޅުންތެރިންނާ ނުލައި ވެސް ރެއާލް އޮތީ މިރޭ ގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ރޮނާލްޑޯ އާއި ބޭލްއަށް ނުކުޅެވޭނެ ކަން މުޅިން ޔަގީންވާއިރު، ބެންޒާމާ ވެސް މުޅިން ފިޓް ނުވާތީ އޭނާވެސް މެޗުން ފުރުސަތު ނުދޭނެ ކަމުގެ އިޝާރާތެއް ޒިދާން ވަނީ ދީފަ އެވެ.

"ބީބީސީ ނެތުމަކީ އަހަރެން ވިސްނާ ކަމެއް ނޫން. ބެންޒެމާ މެޗަށް ނެރެ އިތުރު ރިސްކެއް ނަގަން ބޭނުމެއް ނުވޭ. އަދި އިތުރު މައްސަލަ އެއް ދިމާ ނުވެ ބެންޒެމާ ހުރުމަކީވެސް ހިތް ހަމަޖެހުމެއް، އަހަރެމެން ސީޒަން މިފަށަނީ ހިތްހަމަ ޖެހިގެން ތިބެ. މިރޭގެ މެޗަށް އަހަރެމެން ތައްޔާރު،" ޒިދާން ބުންޏެވެ.

ނޯވޭގެ ޓްރޮންޑްހައިމްގެ ލާކެންޑަލް ސްޓޭޑިއަމްގައި މިރޭ ސެވިއްޔާއާ ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން 11:45 ގައެވެ.

ޓްރާންސްފާ މާކެޓްގައި ރެއާލް ހިމޭން އަހަރެއް

އާންމުކޮށް ޓްރާންސްފާ ޕީރިއަޑްގައި ހަރަކާތްތެރިކޮށް ފެންނަ ރެއާލްއިން މިފަހަރު ފެނުނީ ވަނދުކޮށެވެ. ޒިދާން ގަބޫލު ކުރާ ގޮތުގައި ރެއާލުން ކުރިއަށް ގެންދިޔަ ޓްއާގެ ސަބަބުން ސީޒަންގެ ރަސްމީ ފުރަތަމަ މެޗަށް ރެއާލްގެ ސްކޮޑަށް އޮތީ "އާ ހިތްވަރެއް ލިބިފަ" އެވެ. އަދި ރެއާލްގެ މިހާރު އޮތް ސްކޮޑަށް އިތުރު ކުޅުންތެރިޔެއްގެ ސޮއި ބޭނުން ނުވާކަމަށް ޒިދާން ގަބޫލު ކުރެއެވެ.

"އަހަންނަށް ލިބިފައި އޮތް ސްކޮޑް ފުރިހަމަ. މި ކުޅުންތެރިންނާ މެދު އަހަރެން ހިތްހަމަޖެހޭ،" ޒިދާން ބުންޏެވެ.

ރެއާލްއިން ސީނިއާ ޓީމަށް ގެނައި އެންމެ ކުޅުންތެރިޔެކެވެ. އެޓީމަށް ކުރިން ކުޅުނު ޔުވެންޓަސްގެ ފޯވަޑް އަލްވާރޯ މޮރާޓާއެވެ.

މޮރާޓާގެ ދައުރު ބޮޑު

ޒިދާންވެސް ބުނީ މޮރާޓޯ އެނބުރި ރެއާލްއަށް އައިސް ރެއާލް ޓީމުގެ ކުޅުމުގެ ފެންވަރަށް ކުރިއެރުން ގެނެސްދީފި ކަމަށާއި ޓީމުގެ ކުޅުމުގެ ފެންވަރަށް ކުރިއެރުން ގެނެސްދީފި ކަމަށެވެ.

"ޔުވެންޓަސް އަކީ މޮރާޓާ އެނބުރި ރެއާލް އަންނަން ގިނަ ފިލާވަޅުތަކެއް ދަސްވި[ކުލަބެއް]. އޭނާ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައި ކުޅުމުގެ ފެންވަރު މަތިކޮށްފައި،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ މޮރާޓާ ހުރީ ރެއާލްގެ ފުރަތަމަ 11 އަށް ޗެލެންޖު ކުރުމަށް ތައްޔާރުވެފައި ކަމަށާއި އޭނާގެ ޑިމާންޑްތައް ވެސް އެނގޭ ކަމަށެވެ.