އެޗްއާރްސީއެމް

އިންސާނީ ހައްގުތަކަށް އިހުތިރާމުކުރަން ފަސް ކުންފުންޏެއް އިގުރާރުވެއްޖެ

އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ އިގުރާރުގައި ބޮޑު ފަސް ކުންފުންޏަކުން މިއަދު ސޮއިކޮށްފި އެވެ. އެޗްއާރްސީއެމްއިން އެކުލަވާލި މި އިގުރާރުގައި މިއަދު ސޮއިކުރީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އާއި ކަރަންޓް ކުންފުނި ސްޓެލްކޯ، މުއަސާލަތީ ކުންފުނި ދިރާގާއި އުރީދޫ އަދި އެމްޓީސީސީ އެވެ.

މިއަދު ސޯލްޓް ކެފޭގައި އޮތް ރަސްމިއްޔާތެއްގައި މި ފަސް ކުންފުނިން އިގުރާރުގައި ސޮއިކޮށްފައިވާއިރު މި އިގުރާރުގައި ބުނެފައިވަނީ، ކުންފުނިތަކުން އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ ގޮތަކަށް ވިޔަފާރީގެ އެންމެހާ މުއާމަލާތްތައް ހިންގާނެ ކަމަށެވެ. އިގުރާރު ބިނާކޮށްވަނީ އިންސާނީ ހައްގުތަކާއި ވިޔަފާރިއާ ގުޅުންހުރި އަސާސްތަކެއްގެ މައްޗަށެވެ. އެގޮތުން އިންސާނީ ހައްގުތަކާއި މަސައްކަތްތެރިންނާއި ތިމާވެއްޓާ، ކޮރަޕްޝަނާ ދެކޮޅު ހަދާ ކަންކަން މި އިގުރާރުގައި ހިމަނާފައިވެ އެވެ.

މި ރަސްމިއްޔާތުގައި އިގުރާރުގެ މަގުސަދާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެޗްއާރްސީއެމްގެ ރައީސާ އައިޝަތު އީނާސް ވިދާޅުވީ، މި އިގުރާރުގައި ސޮއިކުރުމުގެ މަގުސަދަކީ ކުންފުންޏާ މެދު ކަސްޓަމަރުން ދެކޭ ގޮތް ރަނގަޅުކުރުމާއި އެތިކަލް ވިޔަފާރިކުރާ ބައެއްގެ ގޮތުގައި ކުންފުނި ފާހަގަކުރުން ކަމަށެވެ. އަދި އިގުރާރުގެ ސަބަބުން މުވައްޒަފުން ވެސް ކުންފުންޏާ މެދު ދެކޭ ގޮތް ރަނގަޅުވެގެންދާނެ ކަމަށެވެ.

އީނާސް ވިދާޅުވީ، މި އިގުރާރުގައި ސޮއިކޮށްލުމުން ނިމުނީ ނޫން ކަމަށާއި އިތުރަށް ވެސް ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި އިގުރާރުގައި ސޮއިކުރުމަށްފަހު އިންސާނީ ހައްގުތަކަށް އިތުރަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ފަސް ކުންފުނީގެ ވެރިން ވެސް މިފަދަ ކަމެއް އެޗްއާރްސީއެމްއިން އިސްނަގައިގެން ފެއްޓެވީތީ އެ ކޮމިޝަނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި އެ ކޮމިޝަނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެ ފަސް ވެރިން ދެއްވި އެވެ.

އިގުރާރުގައި ހިމެނޭ ކަންކަން

  • އެންމެހާ މުއާމަލާތްތައް އިންސާނީ ހައްގުތައް ރައްކާތެރިވާ ގޮތަށް ބައްޓަންކުރުން
  • މުވައްޒަފުންގެ ހައްގުތައް ތަފާތުނުކޮށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން
  • މުވައްޒަފުންނަށް ގާނޫނުން ލިބިދޭ އެއްވެސް ހައްގެއް ހަނިނުކުރުން
  • ކުންފުނީގެ ސަބަބުން އެއްވެސް ފަރާތަކަށް އުނިކަމެއް ލިބިއްޖަނަމަ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ޒިންމާ އުފުލުން
  • ވިޔަފާރި މުއާމަލާތްތަކުގައި ކުޑަކުދިންގެ ހައްގާ ކަރާމަތް ގެއްލޭ ފަދަ ކަމެއް ނުކުރުން
  • މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައަށް މަގުފަހިވާ ކަމަކަށް ޖާގަ ނުދިނުން
  • ތިމާވެށި ރައްކާތެރިކުރުމަށް އަހައްމިއްޔަތުކަން ދިނުން
  • ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތައް ނުހިންގުން
  • ކުންފުނީގެ މިންތޫގެ ހަމަހަމަ ކަމަށް އިހްތިރާމްކޮށް މިންތީގެ ކުރިއެރުމަށް މަސައްކަތްކުރުން
  • އިންސާނީ ހައްގުތައް ކުރިއަރުވާ ރައްކާތެރިކުރުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުން