އޭސީސީ

ވޯކްސް ކޯޕަރޭޝަން ހިޔާނާތްތެރިވެފައެއް ނެތް: އޭސީސީ

ވޯކްސް ކޯޕަރޭޝަން ލިމިޓެޑަށް ހަވާލުކުރި ބައެއް މަޝްރޫއުތަށް ހިންގުމުގައި އެ ކުންފުނިން ހިޔާނާތުގެ އަމަލެއް ހިންގާފައިވާނުވާ ކަމަށް އެ ކުންފުންޏާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު ނިންމައިފި އެވެ.

މި މައްސަލަ އޭސީސީއިން ތަހުގީގު ކޮށްފައިވަނީ، ހދ. ކުރިނބި، ހދ.ނެއްލައިދޫ، ޅ. ކުރެންދޫ، ނ. ހޮޅުޑޫ، ނ. ވެލިދޫ، ރ. ފައިނު، ޅ. ނައިފަރު، ސ. ފޭދޫ، ސ. ހިތަދޫ އަދި ސ. ހުޅުމީދޫގައި ބަނދަރު ހެދުމާއި ނ. މިލަދޫގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމާއި އަދި ށ. ކޮމަންޑޫގައި ބިން ހިއްކުމާއި ބޭރު ތޮށިލުމުގެ މަސައްކަތް ވޯކްސް ކޯޕަރޭޝަނަށް ހަވާލުކޮށްފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް ކަމަށް އެ ކުންފުނީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެވެ.

އޭސީސީއިން މިއަދު ބުނީ، ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ ޕްރޮކިޔުމެންޓް ޕްރޮސީޖާ މެނުއަލްގައި 1,500,000.00 ރުފިޔާ އަށް ވުރެ ބޮޑެތި މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ޓެންޑާ އިވެލުއޭޝަން ބޯޑަށް ފޮނުވައިގެންކަމަށް ބަޔާންކޮށްފައިވީނަމަވެސް، މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެކިއެކި ޕްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗާ އުސޫލުން ވޯކްސް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދާގޮތަށް ކަމަށެވެ. އަދި އެ މަސައްކަތްތައް އެ ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ސަރުކާރުން އެ ޕްރޮޖެކްޓް ވޯކްސް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި އަގުގެ ތެރެއިން ވޯކްސް ކޯޕަރޭޝަން ލިމިޓެޑަށް ފައިދާ ލިބޭ ގޮތަށް ކަމަށް ވެސް ތަހުގީގަށް އެނގުނު ކަމަށް އޭސީސީއިން ބުންޏެވެ.

މީގެއިތުރުން އޭސީސީއިން ބުނީ، ސަރުކާރުން ވޯކްސް ކޯޕަރޭޝަން ލިމިޓެޑާ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރުމުން، އެ ޕްރޮޖެކްޓްތައް އަވަސް ކުރުމަށްޓަކައި ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ކުރިއަށް ގެންދިޔުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު، މިމަސައްކަތްތައް ހަވާލުކޮށްފައިވަނީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ކަމަށެވެ. އަދި ވޯކްސް ކޯޕަރޭޝަން ލިމިޓެޑާއެކު ޖޮއިންޓް ވެންޗާ އުސޫލުން ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ފަރާތެއް ކަނޑައަޅަނީ ޕްރޮޖެކްޓްތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައި ހުންނަ ޕްރޮޕޯސަލްތައް ކުންފުނީގެ ބޯޑަށް ހުށަހަޅައިގެން ކުންފުނީގެ ބޯޑުން ކަމަށް ވެސް އޭސީސީގެ ތަހުގީގީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ އާޓިކަލްސް އޮފް އެސޯސިއޭޝަންގެ 37 ވަނަ މާއްދާ ގައި ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކަށް ކުންފުނީގެ އެންމެހައި އުސޫލުތައް ކަނޑައަޅައި، ކުންފުނި ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ހަދަންޖެހޭ ޕްރޮސީޖާތަކާއި، ޕޮލިސީތައް ހެދުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

އޭސީސީއިން އިތުރަށް ބުނީ، ޖޮއިންޓް ވެންޗާ އުސޫލުން މި މަސައްކަތްތައް ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔުމުގައި ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދުމާއި، އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާދީފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާ ނުލިބޭގޮތަކަށް އަމަލުކޮށްފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.