ސެވިއްޔާގެ އާ ކޯޗް ޖޯޖް ސަމްޕޯލީގެ އިރުޝާދާއެކު ނުކުންނަ ފުރަތަމަ މެޗަކަށް ވެގެންދާނީ ޔޫރަޕްގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔޫއެފްއާ ސްޕަކަޕްގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް އެ ޓީމް ކުޅޭ މެޗެވެ.
ސަމްޕޯލީ ސެވިއްްޔާގައި ނަގަހައްޓަން ބޭނުންވާ ގޮތަކީ ގިނަ ވަގުތު އެކަމަށް ހޭދަ ވާނެ ކަމަށްވުމުން އޭނާ އިސްކަން ދެނީ މެޗްގެ ނަތީޖާއަށް ވުރެ ރަނގަޅު ގޭމް ޕްލޭނެއްގެ ދަށުން މެޗްގައި ރީތި ކުޅުމެއް ދެއްކުމަށެވެ.
"އަހަރުމެން ޖެހޭނެ ރެއާލް މެޑްރިޑާ ދެކޮޅަށް ވަރުގަދަ ގޭމެއް ކުޅެން،" ސަމްޕޯލީ ބުންޏެވެ. "ގޭމް ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް މެޗުން ނަތީޖާއެއް ނުރެވިދާނެ"
އޭނާ ބުނީ އޭނާ ބޭނުންވާ މެތޮޑަށް ކުޅެން ޓީމަށް ވަގުތު ބޭނުންވާ ކަމަށާއި ސެވިއްޔާއިން ކުރަން ޖެހޭ ކަމަކީ އެކަން ގަބޫލުކޮށް ބަލައިގަތުން ކަމަށެވެ.
މެޗްގައި ރެއާލްއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ރޮނާލްޑޯ، ބޭލް، ކްރޫޒް އަށް އަނިޔާގެ ސަބަބުން މެޗް ނުކުޅެވޭނެ ކަން ޔަގީންވުމެވެ. އަދި ބެންޒެމާވެސް މުޅިން ފިޓް ނުވާތީ އޭނާއަށް ވެސް މެޗުން ފުރުސަތު ނުދޭނެ ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ ބުނެފައެވެ.
ނަމަވެސް ސަމްޕޯލީ ގަބޫލު ކުރާ ގޮތުގައި ރެއާލްގައި މުހިންމު ކުޅުންތެރިން ނެތުމަކުން އެޓީމުގެ ކުޅުމަކަށް ބަދަލެއް ނާންނާނެ އެވެ. އެހެންވެ ސެވިއްޔާއިން ވެސް ރެއާލްއާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ކުޅެން ޖެހެއެވެ. އަދި އެއީ މެޗް ފަސޭހަ ކޮށްލާނެ ސަބަބެއް ނޫން ކަމަށްވެސް ސަމްޕޯލީ ބުންޏެވެ.
"އަހަރެމެން މިމެޗަށް ތައްޔާރު މިވަނީ އަހަރެމެން ކުރަން ޖެހޭ ކަމެއްގެ ގޮތުން. ރެއާލްގެ އިންޖަރީ މައްސަލަ އުޅުމަކުން އަހަރެމެންނަކަށް އެކަމުން އަސަރު ކުޑަ އެއް ނުވާނެ" މިދިޔަ އަހަރު ޗިލީއަށް ކޮޕާ އެމެރިކާ ކާމިޔާބު ކޮށްދިން ސަމްޕޯލީ ބުންޏެވެ.