ސެވިއްޔާ މެޗުން މޮޅުވާން ދަނިކޮށް ކެޕްޓަން ސާޖިއޯ ރާމޯސް އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ކާމިޔަބު ކުރި ލަނޑު ރެއާލް ސަލަމަތްކޮށް 3-2 ގެ ނަތީޖައިން ޔޫއެފްއާ ސްޕަކަޕް ރެއާލްއިން ކާމިޔާބު ކޮށްފި އެވެ.
މެޗް 1-1 އެއް ވަރު ވެފައި ވަނިކޮށް ސެވިއްޔާގެ ދެ ވަނަ ލަނޑަކީ ރާމޯސް ސެވިއްޔާގެ ވިޓޯލޯއަށް ރެއާލްގެ ޕެނަލްޓީ އޭރިއާގެ އެތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެވެ.
މެޗްގެ ފުރަތަމަ ލަނޑު ރެއާލުން ކާމިޔާބު ކުރީ 21 ވަނަ މިނެޓްގައި މާކޯ އެސެންސޯ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. އުމުރުން 20 އަހަރުގެެ އެސެންސޯގެ ލަނޑާއެކު އޭނާއަކީ ރެއާލްގެ ތާރީހްގައި ޔޫރަޕްގެ މެޗެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ފްރެންކޯ ވަޒްކްއޭޒް ކާމިޔަބު ކުރި ލަނޑުން ސެވިއްޔާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗްގެ 72 ވަނަ މިނެޓްގައި ވިޓޯލާއަށް ރާމޯސް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ކޮނަޕްލިއަންކާ އެވެ.
އެ ނަތީޖާއިން މެޗުން ސެވިއްޔާ މޮޅުވާން ދަނިކޮށް ރާމޯސް ލަނޑު ކާމިޔަބު ކުރީ ޑެނީ ކަރަވަހާލް ހުރަސް ކުރި ބޯޅަ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުހައް ހުރެފައި ބޮޅުން ފޮނުވާލައިގެންނެވެ. މިއީ ރެއާލް ބަލިވާން ދަނިކޮށް އިތުރު ވަގުގެ އެންމެ ފަހު މިނެޓްގައި ރާމޯސްގެ ލަނޑުން ނަތީޖާ ހަމަހަމަ ކޮށް ރެއާލް ކާމިޔާބު ކުރި ޔޫރަޕްގެ ދެ ވަނަ ތައްޓެވެ.
ދެހާސް ސާދަ ވަނަ އަހަރު ޔޫއެފްއާ ޗެމްޕިއަންސް ލީގް ރެއާލްއަށް ކާމިޔާބު ކުރީ ވާދަވެރި އެތުލެޓިކޯ މެޑްރިޑް މޮޅުވާން ދަނިކޮށް އެންމެ ފަހު ވަގުތުގައި ރަމޯސް ކާމިޔަބު ކުރި ލަނޑުންނެވެ.
އެއް ވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ކުޅުނު 15 މިނެޓްގެ ދެހަފުގެ ތެރެއިން ރެއާލް މޮޅުކޮށްދިން ލަނޑު 15 މިނެޓްގެ ދެ ވަނަ ހާފުގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިފެންޑަރު ކަރަވަހާލްއެވެ.