ބާސެލޯނާ

"މިއީ އަހަންނަށް ލިބުނު އެންމެ ރަނގަޅު ސްކޮޑް"

Aug 10, 2016

ބާސެލޯނާގައި މިފަހަރު އޮތް ސްކޮޑަކީ އޭނާގެ ކޯޗް ކަމުގެ ދަށުން ލިބުނު އެންމެ ރަނގަޅު ސްކޮޑް ކަމަށް އެ ޓީމުގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ޖޯން ގެމްޕާ ޓްރޮފީ ގެ ނަމުގައި ބާސާއިން ސިޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗްގެ ކުރިން ވާހަކަ ދައްކަމުން އެންރީކޭ ބުނީ ބާސާގެ ޓީމަށް ހަތަރު ވަނަ ފޯވަޑަކު ބޭނުން ނުވާ ކަމަށާއި މިހާރު އެ ޓީމުގައި އޮތް ސްކޮޑް ފުދޭ ކަމަށެވެ.

ބާސާގެ ކޯޗް ކަމުގައި ތިން ވަނަ އަހަރު ހޭދަކުރާއިރު އޭނާއަށް ލިބުނު އެންމެ ރަނގަޅު ހަތިޔާރަކީ މިހާރު ކްލަބްގައި އޮތް ސްކޮޑް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

"ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް ފުރުސަތު ލިބި އެކަން ނުކުރުމަކީ ބައިލައިގަނެވޭ ކަމަކަށް ނުވެދާނެ،" އެންރީކޭ ބުންޏެވެ. "ނަމަވެސް ބާސާގެ މިއޮތް ސްކޮޑަކީ އަހަރެން މި ކުލަބުގައި ހޭދަ ކުރާ މި މުއްދަތުގައި އަހަންނަށް ލިބުނު އެންމެ ރަނގަޅު ސްކޮޑް،"

އެންރީކޭ ބުނީ ގިނަ އަދަދެއްގެ ހުނަރު އެއްތަނަކުން ފެންނާނެ ސްކޮޑަކީ ބާސާގެ ސްކޮޑް ކަމަށެވެ.

މިސީޒަންގައި ބާސާ ކުޅޭ ފުރަތަމަ ރަސްމީ މެޗަކަށް ވާނީ ސްޕެއިންގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސްޕަ ކަޕެވެ. މިމަހު 15 ވަނަ ދުވަހު ކުލޭ މެޗްގައި ބައްދަލު ކުރާނީ ސެވިއްޔާއާ ދެކޮޅަށެވެ.