އެލައިޑަށް މި މަހު 30 އަހަރު ފުރުނުއިރު އެ ކުންފުނީގެ ތާރީހުގައި ވޭތުވެދިޔަ ފަސް އަހަރަކީ "ހަބޭސް" އަހަރު ތަކެކެވެ. އެ ކުންފުނީގެ ވިޔަފާރި ފަސް އަހަރު ތެރޭވަނީ ބޮޑު ކުރިއެރުން ތަކެއް ހޯދާފަ އެވެ. ވިހިގުނަ އިތުރުވެފަ އެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެ ކަމަށެވެ.
"އެލައިޑް އިންޝުއަރެންސްގެ ވިޔަފާރި މިދަނީ ވަރަށް ބޮޑަށް ކުރިއަށް. ވޭތުވެދިޔަ 30 އަހަރު ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ފަސް އަހަރަށް ބެލިނަމަވެސް 20 ޕަސެންޓުގެ ގްރޯތެއް އާދޭ. ފުޅާވެ މާކެޓު ޑިވްލޮޕްވަމުން ދަނީ. އާ އިންވެސްޓްމަންޓް އަންނަ ވަރަކަށް އާ ފުރުސަތުތައް ކްރިއޭޓް ވަމުން ދާނީ،" އަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ބައެއް އިންޝުއަރެންސް ޕޮލިސީތައް ހަދަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ބައެއް ޕޮލިސީ ހުންނާނެ ކަސްޓަމަރުން ބޭނުންވަނީ މި ވެނި އިންޝުއަރެންސެކޭ ބުނީމަ އެ އިންޝުއަރެންސް މާކެޓުން ހޯދައިގެން އިޝޫކޮށްދީފަ. މާކެޓު ސްޓަޑީ ކުރަން. ރާއްޖޭގެ މާހުލާ ގުޅޭ ގޮތަށް ބައެއްކަހަލަ އިންޝުއަރެންސް ޕޮލިސީތައް އާ ކުރަމުން ގެންދަން. އެއީ ކޮންމެ ޕޮލިސީއަކީ ވެސް ޑިވްލޮޕްވާ ޕޮލިސީތައް،" އަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ޕޮލިސީތައް ވިއްކުންދާއިރު، ޓޫރިޒަމް މާކެޓަކީ އެ ކުންފުނީގެ ވިޔަފާރީގެ ބޮޑު ބައެއް ކަމަށެވެ.
" ކޯޕަރޭޓް ކްލައިންޓުންގެ އިންޝުއަރެންސްގެ 80 ޕަސެންޓަކީ ރިސޯޓް އިންޑަސްޓްރީ. އަޅުގަނޑުމެންގެ ވިޔަފާރީގެ 45 ޕަސެންޓަކީ ޓޫރިޒަމް ރިލޭޓެޑް އިންޝުއަރެންސް. އެހެންވީމަ ގާތްގަނޑަކަށް ބޮޑު ބައެއް ގެންގުޅެން. ރިސޯޓްތަކަށް ބޭނުންވާ ކަހަލަ ޕްރޮޕަޓީ އާއި ބިޒްނަސް ލޮސް ފަދަ އިންޝުއަރެންސް،" އަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން މިދިޔަ އަހަރު ތައާރަފުކުރި އެންމެ ބޮޑު އިންޝުއަރެންސް ޕޮލިސީ ކަމަށްވާ "ސެލެކްޓް ގޯލްޑް" އާއި އިސްލާމިކް އިންޝުއަރެންސުގެ ވިޔަފާރި ރަނގަޅު ކަމަށެވެ.
" އަޅުގަނޑުމެން ހެދިން ސެލެކްޓް ގޯލްޑް ޕޮލިސީއެއް. މި ޕޮލިސީ ވަރަށް ރަނގަޅު. މި ދިޔަ އަހަރުގެ ޓާގެޓަށް ވުރެ ވެސް 40 ޕަސެންޓް އިންކްރީޒް ވެއްޖެ. މިދިޔަ އަހަރުގެ މި އިންޝުއަރެންސް ތައާރަފު ކުރީ. މި އިންޝުއަރެންސް ވަރަށް ރަނގަޅު،" އަމީލް ވިދާޅުވި އެވެ.