ބޭންކް އޮފް މޯލްޑިވްސް

ފައިސާގެ މުއާމަލާތްކުރެވޭ ޕާސްޕޯޓް ކާޑް ރާއްޖެއަށް ތައާރަފްކުރަނީ

މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓްކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރެވޭނެ ނިޒާމް ހަމަޖެއްސަން ނިންމައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ހެނދުނު މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ހަފްލާއެއްގަ އެވެ.

ބީއެމްއެލްއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން ބައިނަލްއަގްވާމީކޮށް ބޭނުންކުރެވޭ ޕާސްޕޯޓް ކާޑު ފައިސާ ޖަމާކުރެވޭ ޕްރިޕެއިޑް ކާޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނިޒާމް ގާއިމުކުރާނެ ކަމަށާއި މި ގޮތުން ޕީއޯއެސް އަދި އޮންލައިންކޮށް ވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމަށް ވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްއިން އިތުރަށް ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި ކާޑު ބޭނުން ކުރެވޭނެ ގޮތް ހަމަޖެހިފައިވާތީ، މި ކާޑް ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ލުއި ފަސޭހަކަމާއެކު ފައިސާ ގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

"މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރެވޭނެ ނިޒާމް ގާއިމްކުރުމުގެ ޕްރެޖެކްޓް ކުރިއަށް ގެންދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިހާރުވެސް ރާއްޖެއިން ބޭރަށް ދާ ވަރަށް ގިނަ ދަތުރުވެރިން މިދަނީ ލުއި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އަޅުގަނޑުމެންގެ ކާޑުގެ ހިދުމަތް ރާއްޖެއިން ބޭރުގައި ބޭނުން ކުރަމުން. ޕާސްޕޯޓް ކާޑު މެދުވެރިކޮށް މިފަދަ މުހިންމު ހިދުމަތެއް ދެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ވިދާޅުވި ގޮތުގައި، އަލަށް ތައާރަފު ކުރެވުނު އީ- ޕާސްޕޯޓް ލޯންޗުކުރުމަށް މިދިޔަ ޖެނުއަރީ މަހުގައި ބޭއްވުނު ރަސްމިއްޔާތަށްފަހު، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި ބޭނުންކުރަމުންދާ ޕާސްޕޯޓު ކާޑް ތައާރަފު ކުރުމުގެ މުޙިއްމުކަމުން ރައީސް އަބުދުﷲ ޔާމީން ފާހަގަ ކުރައްވާ އިމިގްރޭޝަނުން އެފަދަ ކާޑެއް ތައްޔާރު ކޮށްދެއްވުމަށް އެދި ވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަނުން ނިންމާފައިވަނީ ޕާސްޕޯޓު ކާޑަކީ އެއްބޭނުމަކަށްވުރެ ގިނަ ބޭނުންކުރެވޭނެ އެއްޗެއްގެ ގޮތުގައި ވުޖޫދަށް ގެނައުމަށް ކަމަށާއި އެގޮތުން މި ކާޑުގައި ފައިސާ ދެއްކޭނެ ފެސިލިޓީ ގާއިމްކުރުމީ މި ކާޑުން ލިބިދޭނެ ގިނަ ހިދުމަތްތަކެއްގެ ތެރެއިން އެއް ހިދުމަތް ކަމަށް ވިދާޅުވި އެވެ.