އަވަސް އެހީ

ބަލި އެނދުގައި! އެކަމަކު ތެދުވުމުގެ ހުވަފެނުގައި!

ކޯމަހެއްހާ ފަދައިން ފީނައި އުޅުނު މަންޒަރު މިއަދު އޭނާއަށް ސިފަ ކުރެވެނީ އަވާމެންދުރެއް ފަދައިންނެވެ. ދުވާލުގެ އައްޔަށް ދެ ލޯ ހުޅުވާލައި އުނދަގޫ ގޮތަކަށް ހަށިގަނޑު ސީދާ ކޮށްލުމުން ބަލިއެނދުގެ މަގަތާ ގާތުން މަންމަ އަބަދު އިށީނދެގެން އިންނަ ގޮނޑި ނޫން އެހެން އެއްޗެއް ނުފެންނަތާ ވެސް އަހަރުތަކެއް ވަނީ އެވެ. ދެފައި މައްޗަށް ހަށިގަނޑުގެ ބަރު އިހުސާސް ނުކުރެވޭތާ ހަތަރު އަހަރު ވެއްޖެ އެވެ. ބޭރު ބަލައިލަން އަބަދު އެހީއަށް އެދި ހޯދާ ފުރޮޅުލީ ގޮނޑިވެސް މިއަދު އޭނާ މަތިން ފޫހިވާން ފަށައިފިހެން ހީވެ އެވެ. މިއީ ހދ. މަކުނުދޫ އޯޝަން ލީޑް އަހުމަދު ސުހައިލްގެ ވާހަކަ އެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ސުހައިލަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ މޫދާއި ކަނޑުގައި ޖެހިލުމެއް ފީނައި އުޅުނު، ޑައިވަރެކެވެ. އާދައިގެ މަތިން ޑައިވިން އަށް ދިޔަ ދުވަހެއްގައި ދިމާވި ކުއްލި ހާދިސާއެއްގައި އުނަގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން އުނަގަނޑުން ތިރީގެ ވާގި ނެތުނީ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ސުހައިލް ވަނީ ހިނގުމުން މަހުރޫމްވެ ތަންމަތީގައި އޮންނަން ޖެހިފަ އެވެ.

ޖަނަވަރީ 25، 2012 ގައި ހދ. ނޮޅިވަރަމްފަރު ކައިރިއަށް ސުހައިލް ފީނަން ދިޔައީ އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އޭނާ އެންމެ ކުރާހިތްވާ މަސައްކަތުގެ ފޯރީގައި ހުރެ އެވެ. އަޑީގައި ބައިގަޑިއެއްހާއިރު އޮތުމަށްފަހު ދޯންޏަށް އެރި އިރުވެސް އެއްވެސް އުނދަގުލެއް ނެތެވެ. ނަމަވެސް ދޯނީގައި ހަމަޖެހިލިތަނާހެން ފައި އައްސި ވާން ފެށުމުން ދޯނީގައި ތިބި އެހެން މީހުން އޭނާއަށް އަވަސް ފަރުވާ ދޭން ފެށި އެވެ. ހަށިގަނޑު ޑިކޮމްޕްރެސް ކުރަން ދެވަނަ ފަހަރަށް އޭނާ މޫދަށް ލުމުން ވެސް ވީކަމެއް ނެތެވެ. މަޑުމަޑުން ދެފައިގެ އިހުސާސް ކެނޑެމުން ގޮސް އުނަގަނޑުގެ ތިރިން އެއްކޮށް ވާގި ނެތުނީ އެވެ.

ސުހައިލަށް ފަރުވާ ދިނުމަށް އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްގެން ކުރި ފަރުވާއަކުން ވެސް ރާހަތެއް ނުލިބުނެވެ. އެންމެ ފަހުން އެމްއެންޑީއެފަށް ގުޅައިގެން ބަނޑޮސް ރިސޯޓަށް ގެންގޮސް އެފަދަ ހާލަތްތަކުގައި ދޭ ޑިކޮމްޕްރެސް ފަރުވާ ދިނުމަށް ޗެމްބަރަށް ލައިގެން ހަފްތާއެއްހައި ދުވަހު ދިން ފަރުވާއިން ވެސް ލުޔެއް ނުލިބުނެވެ. ދެން ފުރައިގެން ދިޔައީ އިންޑިއާ އަށެވެ. ނަމަވެސް އިންޑިއާއިން ކުރި ފަރުވާއިން ވެސް، ޑޮކްޓަރުގެ އިރުޝާދުތައް ފިޔަވައި ފަރުވާއެއް ނުލިބުނެވެ.

އުމުރުން 22 އަހަރުގައި ދިމާވި އެ ހާދިސާ ސުހައިލްގެ ހަޔާތް އެކަނިވެރިކޮށްލި އެވެ. ކުރިން ރައްޓެހިންނާއެކު ކުޅެ ސަކަރާތްގަނެ އުޅުނު ދުވަސްތައް އުފާވެރިކަން މާޒީގެ ފޮޓޯއަކަށް ވެ ހުއްޓުނެވެ. ދިރިއުޅުން ވެސް ހުއްޓުނީ އެވެ. އާއިލާއެއް ރާވަން ކުރި އުންމީދުތައް ފަނޑުވީ އެވެ.

ހަޔާތަށް އައި މި ބަދަލާއެކު އެކަމުގެ ވޭން އެންމެ ބޮޑަށް އުފުލަން ޖެހުނު އެކަކީ ސުހެއިލްގެ މަންމައެވެ. ޒުވާން ދަރިފުޅު ތަންމަތީގައި އޮންނަން ޖެހުނީއްސުރެ މިއަދާ ހަމަޔަށް، އެއްވެސް ފޫހިކަމެއްނެތި ދަރިފުޅުގެ ހިދުމަތުގައި ދެމިހުރި މީހަކީވެސް އެއީ އެވެ.

"މިހާރު އަޅުގަނޑުގެ އުމުރުން 27 އަހަރު. ހަތަރު އަހަރު ވެއްޖެ މިގޮތުގައި މިހެން އޮންނަތާ. މިހާރުވެސް ހުރިހާ ކަމެއްހެން ކޮށްދެނީ މަންމަ. އާއިލާ އަކީ އަޅުގަނޑު ފަސޭހަ ކޮށްދެވޭ ވަރަށް ހަރަދުކުރެވޭ ފަދައެއް ހުރި އާއިލާއެއް ނޫން. އެހެން ނޫން ނަމަ މިހާރުވެސް ފަރުވާ ފަށައިފީސް، ސަބަބަކީ ރަނގަޅު ވެދާނެ ކަމުގެ އޮންމީދު އެބައޮތް ކަމަށް ޑޮކްޓަރުވެސް ވިދާޅުވާތީ،" ސުހެއިލް އޭނާގެ ބަލި ދިރިއުޅުން އަވަސްއަށް ކިޔައި ދިނެވެ.

ސުހައިލްގެ އުނަގަނޑުން ތިރި ވާގި ނެތިފައިވަނީ، ފީނުމުގެ ތެރޭ ބުރަކަށީގައިލީ ރެނދެއްގެ ސަބަބުން ކަމަށް އިންޑިއާއިން ބެލި ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އުނަގަނޑަށް އިތުރު ގެއްލުމެއް ލިބިފައި ނެތުމާއި އުނަގަނޑުގެ މަސްތަކާއި ޓިޝޫތަކުގައި އަދިވެސް ދިރުން ހުރީތީ ރަނގަޅުވެ، އަލުން ހިނގައިގަނެވިދާނެ ކަމުގެ އުންމީދު އެބައޮތެވެ.

އެކަމަށް ބޭނުންވަނީ، އެފަދަ ބަލިތަކަށް ހާއްސަ ތަންތަނުން ދޭ ފިޒިއޮތެރަޕީ އާއި ހާއްސަ ފަރުވާ އެވެ. ފިޒިއޮތެރަޕީ ފިޔަވައި ދެން ހުރި ފަރުވާ ތަކަކީ ރާއްޖެއިން ލިބެން ނެތް ފަރުވާ ތަކަކަށް ވާއިރު، ސުހައިލަށް ޑޮކްޓަރުން ލަފާދީފައިވާ ގިނަ ފަރުވާތައް ލިބެން ހުރީ އިންޑިއާއި އާސަންދަ ހިދުމަތް ނުދޭ ކްލިނިކްތަކަކުންނެވެ. އެހެންކަމުން ބައްޔަށް ޝިފާއެއް ހޯދަން ބޭނުންވާ ފައިސާ ހޯދަން އެހެން މީހުންގެ ކައިރިން އެދުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

".. ގާތްގަނޑަކަށް 10،000 ވަރަކަށް ޑޮލަރު ހޭދަވާނެ ކަމަށް އަޅުގަނޑުމެން ބަލަނީ. އެހާވަރުގެ އަދަދެއް ހޯދާނީ ވަކި ކޮންތާކުން. އެކަމަކު އެވަރުގެ ހަރަދެއް ކޮށްގެންވެސް އަޅުގަނޑު އުންމީދު ކުރަނީ އަދި އެއްފަހަރު ދެފައި މައްޗަށް ތެދުވެވޭނެ ދުވަހަކަށް. އަލުން ވަޒީފާއެއްގައި އުޅެން. ދިރިއުޅުމެއް ފަށަން،" އުންމީދާއެކު ސުހައިލް ބުންޏެވެ.

އޭނާގެ ކުރިމަތީގައި މުޅި ދިރިއުޅުން ފެންނަން އޮއްވައި އެންމެ ހިނދުކޮޅަކަށް ވެސް އުންމީދު ކަނޑާލާކަށް ސުހައިލް ބޭނުމެއް ނުވެ އެވެ. އެހެންކަމުން އޭނާ އެދެނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަކަށެވެ. އަލުން ހިންގައިގަންނާށެވެ. --

* ސުހައިލްއާ ގުޅުމަށް: 7575999 / 9751999
* ސުހައިލްގެ އެކައުންޓް ނަންބަރު:7730000023503 Ahmed Suhail