ބޭރު ކުޅިވަރު

ރިއޯ އޮލިމްޕިކްސް: އެތުލީޓުން މެޑަލް ހޯދުމުގެ ހިތްވަރަކަށް ހިޖާމަ!

Aug 12, 2016
1

ރިއޯ އޮލިމްޕިކްސްގައި ދުނިޔޭގައި މީޑިއާގެެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް އެތުލީޓަކީ އޮލިމްޕިކް ތާރީހްގައި އެންމެ ގިނަ މެޑަލް ހޯދި އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލެޕްސް އެވެ. އޮލިމްޕިކް ތަރީހްގައި އޭނާ މިހަތަނަށް ވަނީ 20 ރަން މެޑަލް ހޯދާފަ އެވެ.

ފެލެޕްސްގެ ރެކޯޑްތަކާއި މެޑަލްތަކުގެ ވާހަކައަށް މީޑއާގެ ސަމާލުކަން ލިބުނު ފަދައިން، އޭނާ ބުރަކައްޓާއި ކޮނޑުގައި ހުރި ފާހަގަތަކަށް ވެސް ގިނަ ބައެއްގެ ސަމަލުކަން ވަނީ ލިބިފަ އެވެ.

އެއް ބަޔަކު ހީކުރީ އެއީ އޭނާގެ ހަށިގަނޑުގައި އެއްޗިހިތަކެއް ނަގައިގެން ލިބިފައިވާ އަނިޔާއެއް ކަމަށެވެ. އަނެއް ބަޔަކު ހީކުރީ ހަށިގަނޑުގައި އާ ޓޭޓުއެއް ޖަހައިގެން އުޅެނީ ކަމަށެވެ.

އެ ފާހަގަ ތަކަކީ 'ހިޖާމާ' އެވެ. އިނގިރޭސި ބަހުން ކިޔަނަމަ ކަޕިން އެވެ. ހިޖާމާގެ ފަރުވާ ތާރަފްވެގެން އައީ މީލާދީން 1550 އަހަރު ކުރިންނެވެ. މިއީ ހަށިގަނޑުގެ ލޭގެ ނިޒާމްގެ ހިންގުން އެއްވަރެއްގައި ބެހެއްޓުމަށާއި ހަށިގަނޑުގެ ޓީޝޫއާއި ހަނގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށެވެ.

ހިޖާމާ ތާރަފުވެގެން އައީ މިސްރާއި ޗައިނާ ހަލޯރަތުގެ ތެރެއިންނެވެ. ޒަމާނާ އެގޮތަށް ހިޖާމާގެ ބޭނުންކުރާ ވަސީލަތްތައް ވަނީ ތަރައްގީ ކޮށްފަ އެވެ.

ފެލެޕްސްގެ އިތުރުން އެމެރިކާއާއި ޗައިނާގެ އެތުލީޓުންނާއި އެހެން ބައެއް އެތުލީޓުންނާއި މަޝްހޫރު މީހުން ވެސް ހިޖާމަ ޖަހައި އުޅެއެވެ. ފެތުންތެރިންގެ ތެރޭގައި ނަޓްލީ ކޮގްލިން އާއި މިސީ ފްރޭންކްލިން އާއި ޗައިނާގެ ފެތުންތެރިންގެ ޓީމާއި އެމެރިކާގެ ފިރިހެން ޖިމްނާސްޓިކް ޓީމުގައި ހިމެނޭ އެތުލީތުން ވެސް ވަނީ ހިޖާމާ ޖަހާފަ އެވެ.

ރިއޯ އޮލިމްޕިކްސްގައި ގިނަ އެތުލީޓުން ހިޖާމާ ޖަހައިފައިވުމުން ދޭހަ ވެގެންދަނީ، އެތުލީތުންގެ ޕާފޯމަންސް އިތުރުކުރުމަށް ބޭނުންކުރަން އެންމެ ރަނގަޅު ތެރަޕީއަކަށް ވެސް ވެއްޖެ ކަމެވެ. ނަމަވެސް ބައެެއް ޑޮކްޓަރުން ބުނެފައިވަނީ ހިޖާމާއާ އެއިން އެއްވެސް ކަމަކާ ގުޅުން ނެތް ކަމަށެވެ.

އެމެރިކާގެ ޖިމްނާސްޓިކް ޓީމުގައި ހިމެނޭ އެލެކްސް ނަޑޯރް ވަނީ ހިޖާމާ ޖެހުމަށް ބޭނުންވާ ކަޕް ސެޓާއި ވައި ޖަހަ ޕަންޕް، 15 ޑޮލަރު ހޭދަކޮށް އެމޭޒަންއިން ގަނެފައެވެ. އޭނަ ބުނެފައިވަނީ "މިކަމުގެ ސަބަބުން އޭނާގެ ގައިން ގިނަ ރިހުންތަކުން ސަލަމަތް ކޮށްދޭ" ކަމަށެވެ.

"މުޅި އަހަރު އެއްވަރެއްގައި ފިޓްނަސް ހިފެހެއްޓުމުގެ ސިއްރަކީ އެއީ. އަހަރެން އެހެން ކަންކަމަށް ހޭދަ ކުރާ ފައިސާއަށް ވުރެ މިކަމަށް ފައިސާ ހޭދަ ކުރުން މާ ރަނަގަޅު" ނަޑޯރު ބުންޏެވެ.

އެމެރިކަގެ ހޮލީވުޑްގެ ބައެއް ފިލްމީ ތަރިންނާއި ބައެއް ސެލްބްރިޓިން ވެސް ވަނީ ހިޖާމާ ޖަހައިފަ އެވެ. އޮލިމްޕިކްސްގައި ހިޖާމާ ޖަހައިގެން އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ 2004 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގައި ޗައިނާގެ ޒުވާން އެތުލީޓް ވަންގް ކުންއެވެ.

"ހިޖާމަގެ ސަބަބުން، ގޭމްސްތަކުގައި އެތުލީޓުންގެ ހަށިގަނޑަށް އަރާ ތަދު ތަކުން ދުރުކޮށްދޭނެ. އަދި ސޮފްޓް ޓީޝޫއާއި ކަށިގަނޑަށް ލިބޭ އަނިޔާތަކުން އަވަހަށް ރިކާވަ ވުމުގެ ފުރުސަތު ތަނަވަސްވާނެ" ޑރ. ފަރުހަތު ވިދަޅުވިއެވެ.

ޑރ ފަރުހަތާއެކު މަސައްކަތް ކުރާ ޔާސީން ޒައީމް ވިދާޅުވީ ހިޖާމާއިން "ދަސްކުރުމުގެ ބާރު" ވެސް ގަދަކޮށްދޭނެ ކަމަށާއި ހިޖާމާގެ ފަރުވާ ނަގާ އެތުލިތަކަށް އެކަން ރަނގަޅަށް ވަޒަން ކުރެވޭނެ ކަމަށެވެ.

ކޮންމެ އަކަސް މިފަހަރުގެ ރިއޯ އޮލިމްޕިކްސްގައި ހިޖާމާގެ ފަރުވާ ޖާދޫވީ ކަން ފެނިއްޖެއެވެ. އެތުލީޓުންގެ ކާމިޔާބުގެ މުހިންމު ހިއްސާއަކަށް އެކަން ވަނީ ވެފައެވެ.