ފިނިޕޭޖް

އޮފީސް ޑްރާމާ މުބާރާތުގެ އެއް ވަނައަށް އެމްޑަބްލިއުއެސްސީގެ "ދެކޭގޮތް"

ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަހަރު ކުރިއަށް ގެންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2016 ގެ އެއް ވަނަ ޑްރާމާއަކަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ "ދެކޭގޮތް" ހޮވިއްޖެ އެވެ.

ދިހަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިދިޔަ އަހަރުން ފަށައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ހަ އޮފީހަކުން ބައިވެރިވެފައިވެ އެވެ. މިފަހަރުގެ އޮފީސް ޑްރާމާ މުބާރާތުގައި ހަ އޮފީހަކުން ބައިވެރިވެފައިވާ އިރު އެއްވަނަ އަށް މިފަހަރުވެސް ދޭން ނިންމާފައިވަނީ ބައި ލައްކަ ރުފިޔާ އެވެ. އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަށް 15،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އެންސީއޭ އިން މައުލޫމާތުދެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި އެކްޓްރެސް އަށް 10،000 ރުފިޔާގެ

އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ ނަތީޖާ ފާހަގަކުރަން މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެއް ވަނަ ހޯދި އެމްޑަބްލިއުއެސްސީގެ "ދެކޭގޮތް" ޑްރާމާއަށް ބައިލައްކަ ރުފިޔާ އާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އަދާމް ޝަރީފް އުމަރެވެ.

މުބާރާތުން އެންމެ މޮޅު އަންހެން އެކްޓްރެސް އަކަށް ހޮވިފައިވަނީ ކަސްޓަމްސް ސާވިސް އިން ހުށަހެޅި "ކޭތަ" ޑްރާމާގެ ބަތަލާ އައިޝަތު ޔަޝްފާ އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ހައުސިން އިން ހުށަހެޅި "ގެދޮރުވެރި" ޑްރާމާގެ ބަތަލް އަބުދުﷲ ހަލީލް އެވެ.

އެންމެ މޮޅު ސަޕޯޓިންގް އެކްޓަރަކަށް ހޮވިފައިވަނީ ހައުސިންގް މިނިސްޓްރީގެ "ގެދޮރުވެރި" ޑްރާމާ އިން އިމްރާން މުހައްމަދެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކީ ކަސްޓަމްސްގެ ޑްރާމާއިން ފާތިމަތު މީނާޒް އެވެ.

އެންމެ މޮޅު އެކްޓާ އަދި އެކްޓްރެސް އަށް އިނާމެއްގެ ގޮތުން ވަނީ ހަނދާނީ ތައްޓާއި ފިލާގެ އިތުރުން 15000ރ. ދިނެވެ. އެންމެ ރަނގަޅު ފިރިހެން، އަންހެން ސަޕޯޓިންގް އެކްޓަރަށް ހޮވުނު ދެ ތަރިންނަށް ވެސް 10000ރ. ގެ އިނާމާއި އެކު ހަނދާނީ ފިލާ ދިނެވެ.

މިރޭގެ ހަފްލާގައި އެސްއެމްއެސް މެދުވެރިކޮށް އެންމެ މޮޅު ޑްރާމާ، އެކްޓާ އަދި އެކްޓްރެސް ހޮވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ވޯޓު ހޯދައިގެން އާންމުންގެ ލޯބި ހޯދި ޑްރާމާ އާއި ތަރިން ވެސް ހޮވި އެވެ. އެންމެ މޮޅު އެކްޓްރެސް އަކަށް ވެސް ކަސްޓަމްސް ޑްރާމާގެ ބަތަލާ އައިޝަތު ޔަޝްފާ ހޮވިފައިވާ އިރު އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވިފައިވަނީ ފެނަކައިން ހުށަހެޅި "ފަންސަހައްޓި" ޑްރާމާއިން އަހްމަދު އިސްމާއީލެވެ. މިއަހަރުގެ ޑްރާމާ މުބާރާތުން ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ޑްރާމާއަކަށް ހޮވިފައިވަނީ ފެނަކަ ކޯޕަރޭޝަންގެ "ފަންސަހައްޓި" އެވެ.

މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ފިލްމީ ދާއިރާއަށް އައު ފަންނާނުންނަށް ދައުވަތު ދިނުމާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރިއަށްދިޔުމުގެ ޝައުގު ހުންނަ ފަރާތްތަކަށް ދާއިރާއަށް ވަނުމަށް ހިތްވަރު ދިނުން ކަމަށް މުބާރާތް އިންތިޒާމްކުރި އެންސީއޭ އިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވަންވެސް އަދި ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދޭން އެންމެ އިސް ދައުރެއް އަދާކުރާ އެއްޗަކީ މީޑިއާ ކަމަށާއި ހާއްސަކޮށް ޑްރާމާތަކާއި ފިލްމުތައް ކަމަށެވެ. މިފަހަރުގެ ޑްރާމާ މުބާރާތުގައި ރާއްޖޭގައި ހުރި އިޖްތިމާއީ މައްސަލަތަކަށް ވަރަށް ބޮޑަށް ބަލާލާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި މިހާރު ހުރި އިޖުތީމާއީ މައްސަލަތަކަށް ފަރުދީގޮތުން ކޮންމެ މީހަކުވެސް ބަލައި އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން އަލިއަޅުއްވާލެއްވި އެވެ.

"އަޅުގަނޑުމެން މިތަޖުރިބާ ކުރާ ދިވެހި ރާއްޖޭގައި އަޅުގަނޑުމެން ދިރިއުޅެމުންދާއިރު މިއަދު ތަޖުރިބާކުރަން މިޖެހެނީ އަޅުގަނޑުމެން ކުޑައިރު ތަޖުރިބާކުރަން ޖެހުނު ކަންތައްތަކެއް ނޫން. މިއަދު ތަޖުރިބާކުރަމުން މިދާ ބައެއް ކަންތައްތަކަކީ އިސްލާމްދީނުގައި އެކަންތައްތައް އޮތް ގޮތެއް ނޫން. އަދި އާދަކާދައިގެ ތެރޭގައި އެކަން އޮތް ގޮތެއްވެސް ނޫން. ވަރަށް ގިނަ އިޖްތިމާއީ މައްސަލަތައް މިއަދު އަޅުގަނޑުމެންގެ ގައުމުގައި އަށަގެންފައި އެބޮތް" މިނިސްޓަރު ވިދާޅުވި އެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އޮފީސްތަކުން ހަދާ މިފަދަ ޑްރާމާތަކުގައި އެފަދަ މއްސަލަތަށް އަމާޒުކުރާނަމަ އެކަހަލަ ގިނަ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޮފީސްތަކަށް ޑްރާމާ މުބާރާތް ހުޅުވާލުމުގެ ކުރިން ޑްރާމާ ހަދަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮރިއަންޓޭޝަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އަދި އޭގެފަހުން ޑްރާމާ ހަދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެކަށީގެންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަމަ މިހާރަށްވުރެ ޝައުގުވެރިކަމާ އެކީގައި އޮފީސްތަކުން ބައިވެރިވާނެ ކަމަށެވެ.