ރިއޯ އޮލިމްޕިކްސްގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ހީޓުން އެއް ވަނަ ހޯދައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަނެއް ބުރަށް ކޮލިފައިވެއްޖެ އެވެ.
ތިން ހީޓް ހިމެނުނު ޕްރިލިމިނަރީ ބުރުގައި 10.43 ސިކުންތުން ރޭސް ނިންމައި ޕްރިލިމިނަރީ ބުރުގެ ރޭންކްގެ އެއްވަނަ ވެސް ހޯދީ ސާއިދެވެ. ރިއޯޑީޖެނީރިއޯގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި ސާއިދު ދުވީ ދެ ވަނަ ހީޓްގަ އެވެ. އެ ހީޓުން އޭނާގެ ފަހަތުން ދެ ވަނަ އަށް ދިޔައީ ޓޮންގޯގެ ފިލޮމެން ސިއުއޭނީ އެވެ. އޭނާ ރޭސް ނިންމީ 10.76 ސިކުންތުންނެވެ. އޭނާއަށް ލިބުނީ ރޭންކުގެ ހަތަރު ވަނަ އެވެ.
ތިން ވަނަ ހީޓުން އެއް ވަނައަށް ދިޔައީ ޓެލިޓުލް ރޮޑްމަންއެވެ. އޭނާ ރޭސް ނިންމީ 10.53 ސިކުންތުންނެވެ. އެ ހިޓުން ދެވަނަ ހޯދީ ސިންގަޕޫރުގެ ޔެޕް ޖިންވީ ޓިމޮޓީއެވެ. އޭނާ ރޭސް ނިންމީ 10.84 ސިކުންތުންނެވެ. އޭނާގެ ރޭންކަކީ ހަތް ވަނައެވެ. ތިން ވަަނ ހީޓުން ތިން ވަނަ ހޯދައިގެން ބުރުނާއީ ދާރުއްސަލާމްގެ އިސްމާއިލް އެމްޑީ ފަހްރީވެސް ވަނީ ފުރަތަމަ ބުރަށް ކޮލިފައިވެފައެވެ. އޭނަ ރޭސް ނިންމީ 10.92 ސިކުންތުންނެވެ. އޭނާ ރޭންކަކީ އަށް ވަނައެވެ.
ފިރިހެނުންގެ 100 މީޓަރުގެ ރެކޯޑް އަދިވެސް އޮތީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓެވެ. 2012 ވަނަ އހަރު ބޭއްވި ލަންޑަން އޮލިމްޕިކްސްގައި އޭނާ ރޭސް ނިންމީ 9.63 ސިކުންތުންނެވެ.
ފުރަތަމަ ބުރުގެ ދުވުން މިރޭ އޮންނާނީ ރާއްޖޭގެ ގަޑިން 8:00 ޖަހާއިރު އެވެ. މި ބުރުގައި ސާއިދު ދުވާނެ އެވެ.