އުރީދޫ

ފިނޭންސްގެ މުވައްޒަފުންނަށް އުރީދޫ ވޯކްގްރޫޕްގެ ހިދުމަތް ދީފި

Aug 14, 2016
1

ފިނޭންސް މިނިސްޓްްރީގެ މުވައްޒަފުންގެ މުއާސަލާތީ ބޭނުންތަކަށް އުރީދޫ ވޯކްގްރޫޕް ޚިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ. މި ހިދުމަތް މެދުވެރިކޮށް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ވޯކްގްރޫޕް ޚިދުމަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓީމްތަކުގެ މެދުގައި އެދެވޭގޮތުގައި މުއާމަލާތްތައް ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ވަރަށް މުހިއްމު ކަމަށާއި ފިނޭންސް މިނިސްޓްރީއަކީ ގައުމުގެ މައި އެއް ތަނބު ކަމަށްވާއިރު ހަރުދަނާ އަސާސްތަކާއި ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހި އިގްތިސާދު ކުރިއެރުވުމަށް މިނިސްޓްރީން ކުރާ މަސައްކަތުގައި، މުވައްޒަފުންގެ މުވާސަލާތީ ބޭނުންތައް ފުރިހަމަ ކުރުން މުހިންމު ކަމަށެވެ.

"މިގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ މުވައްޒަފުންގެ ތެރޭގައި ހިލޭ ގުޅާލުމުގެ ފުރުސަތު ހުޅުވައި، އެހެނިހެން ނަންބަރު ތަކަށް ވަރަށް ހެޔޮ އަގުގައި ގުޅާލުމުގެ މަގުފަހިކޮށްދީ، ޕެކޭޖާއެކު ހިލޭ ޑޭޓާވެސް ލިބޭ ޚިދުމަތެއް މިނިސްޓްރީގެ މުވައްޒަފުންނާއި ހަމައަށް ގެނެސްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިނިސްޓްރީނ ކުރާ މުހިންމު އެއްކަމަކީ ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތަކުގެ ފުރިހަމަ ބޭނުން ހިފުން ކަމަށާއި މަސައްކަތްކުރަމުންދަނީ، މުއާމަލާތް ކުރުން ފަސޭހަވެގެންދާނެ ޓެކްނޮލޮޖީތައް މަސައްކަތުގެ މާހައުލަށް ތައާރަފްކުރުން ކަމަށެވެ.

އުރީދޫ ވޯކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލަކާއި އެސްއެމްއެސް ވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެ އެވެ. އަދި ހަތަރު އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، ވޯކް ގްރޫޕްގައި ހިމެނޭ ފަރާތްތަކުގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކޯޕަރޭޓް ކުންފުނިތަކަށް ތަކަށް ޚާއްސަކޮށް ތައާރަފްކުރެވިފައިވާ ވަރކްގްރޫޕް މެދުވެރިކޮށް، އެކި ލޮކޭޝަންތަކުގައިވާ އޮފީސްތަކާއި ކުންފުނީގެ މުވައްޒަފުން، އެއް މޮބައިލް ނެޓްވޯކެއް ތެރޭގައި ގުޅުވައި ދެ އެވެ.