މެލޭޝިޔާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން އެގައުމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ފްލައިޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މެލޭޝިޔާގެ ޕެރަކްގެ ޓޫރިޒަމް މިނިސްޓަރު ޑރ. ޒަމްބްރީ ބިން އަބްދުލް ގާދިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އަދި މީޑިއާ އާ ބައްދަލުކުރައްވާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖެއަށް މެލޭޝިޔާއިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް އޮތް ގޮތަކީ އެ ގައުމާއި ރާއްޖެއާ ދެމެދު ފްލައިޓްތައް އިތުރު ކުރުން ކަމަށެވެ. އެގޮތުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް އިތުރު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިތުރު ފްލައިޓްތަކެއްގެ ދަތުރުތައް ވަރަށް އަވަހަށް ފެށޭނެ އެވެ.
"އަޅުގަނޑު ރާއްޖެއަށް މި ކުރި ދަތުރުގެ ސަބަބުން ރާއްޖެއަށް އަންނަ މެލޭޝިޔާގެ ފަތުރުވެރިން އިތުރުވާނެ. އެކަމަކު ރާއްޖެ އާ މެލޭޝިޔާ އާ ދެމެދު ދަތުރުކުރާ ފްލައިޓުގެ އަދަދު އިތުރުކޮށްގެން ނޫނީ އެންމެ އެދެވޭ ނަތީޖާއެއް ނުފެންނާނެ" ޒަމްބްރީ ވިދާޅުވި އެވެ.
މީގެ ކުރިން މެލޭޝިޔާ އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރި ނަމަވެސް، އެ އެއާލައިންއަށް ދިމާވި މާލީ މައްސަލަތަކާ ހުރެ ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް ބަޖެޓް އެއާލައިންއެއް ކަމަށްވާ، އެއާ އޭޝިޔާ އިން ރާއްޖެއާ މެލޭޝިޔާއާ ދެމެދު ދަތުރުތައް ކުރެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް އެގައުމުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތާންގައި އެ އަދަދު އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރު މެލޭޝިޔާއިން ރާއްޖެއަށް 8،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.