މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަ ފިހާރައެއް މީރުބަހުރު ބަނދަރުގައި މިއަދު ހުޅުވައިފި އެވެ. ފިހާރައެއްގެ އިތުރުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ދަތުރުވެރިންގެ މާލަމަކާއި، މިސްކިތެއް އަދި ފާހާނާ އެއް ވެސް ވަނީ ހުޅުވާފަ އެވެ.
މިއަދު މީރުބަހުރު ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ އާއި މާލަން ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، މުވައްޒަފުންނަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވި ނަމަވެސް އެ ކުންފުނީގެ މަގުސަދަކީ ވިޔަފާރީގެ ތެރެއަށް ވަނުން ނޫން ކަމަށާއި އެ ފައިސާ ބޭނުން ކުރާނީ މުވައްޒަފުން ހައްޖަށް ފޮނުވަން އަދި މުވައްޒަފުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުން ފަދަ ކަންތައްތަކަށް ކަމަށެވެ. މި ފިހާރައަކީ އެމްޕީއެލްގެ ކޯޕަރޭޓް ސޮސައިޓީން ގާއިމްކޮށްފައިވާ ފިހާރަ އެކެވެ.
މީރުބަހުރުވަ ބަނދަރުގައި ހުޅުވި ފިހާރައިން ލިބޭ އާމްދަނީން އެމްޕީއެލްގެ މުވައްޒަފުންނަށް އިންޓްރަސްޓާ ނުލާ ލޯނު ދޫކުރަން ވެސް ހަމަޖެހިފައިވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާ ގިނަ ކަންތައްތައް ކުރަން ނިންމީމަ ތިބޭފުޅުން ހިތަށް އަރާފާނެ ފައިދާ ވާނެ ބާއޭ. އަޅުގަނޑުމެންނަށް ޔަގީން މިލިއަނުން ފައިދާވާނެކަން." ޖުނައިދު ވިދާޅުވި އެވެ.
މީރުބަހުރު ބަނދަރުގައި މިއަދު ހުޅުވި ދަތުރުވެރިންގެ މާލަމަކީ އާންމުކޮށް އެ ބަނދަރު ބޭނުންކުރާ ހުރިހާ ދަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އެއާ ކޮންޑިޝަން ކޮށްފައިވާ މިތަނުން ކޮފީގެ ހިދުމަތް ލިބޭނެ ކަމަށާއި އަދި އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ފަހަތުގައި ހަދާފައިވާ ރެސްޓޯރެންޓް ހުޅުވާނެ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ. އެމްޕީއެލް އިން މީރުބަހުރު ބަނދަރުގައި ގާއިމްކޮށްފައިވާ ފާހަނާ އަކީ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ޕޭ ޓޮއިލެޓްތަކެކެވެ. މި ޕޭ ޓޮއިލެޓްތަކުގެ އަގަކީ ދެ ރުފިޔާ އެވެ.
"މިތަނުގައި ގާއިމްކުރި މިސްކިތް ނުހުޅުވަނީސް އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ މި މިސްކިތް ކުޑަ ވެއްޖެކަން. މިތަން އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން." ޖުނައިދު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިގްތިސޯދީ އަދި ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އިގްތިސޯދީ ބޮޑެތި މަސައްކަތްތަކާއި އުމްރާނީ މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ ފުޅާކުރަން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
އެމްޕީއެލްއަކީ 1500 އެއްހާ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެކެވެ.