ހަބަރު

މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރަން މަޝްރޫއެއް ފަށަނީ

  • ތިން ބޯޓުން އެއްފަހަރާ މުދާ ބޭލޭނެ
  • އެއް ދުވަހުން ވެސް ބޯޓުތައް ހުސްކޮށްލެވޭނެ
  • މުދާ އަގުހެޔޮވުމުގެ އުންމީދު ބޮޑު

އެމްޕީއެލްގެ މައި ބަނދަރު ހުޅަނގު ފަރާތަށް ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް މީރުބަހުރު ބަނދަރުގައި ގާއިމްކުރި ފިހާރަ އަދި ދަތުރުވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރި ދަތުރުވެރިންގެ މާލަމާއި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ އިކުއިޕްމަންޓްސް ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްޕީއެލުން ބޭނުންކުރާ މައިބަނދަރު ބޮޑުކުރުމުން އެއްް ފަހަރާ ތިން ބޯޓު ކައިރިކޮށް މުދާ ހުސްކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި އެކަމަށް ހޭދަވާ މުއްދަތު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"މިހާރު 400-600 ކޮންޓެއިނަރުގެ ބޯޓެއް ހުސްކުރަން ހޭދަވޭ 16 ދުވަސް. އެކަމަކު ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމުން އެ ބޯޓުފަހަރު މިތަނަށް ކާރިކޮށްފަ 24 ގަޑިއިރު ނަގާނީ. މިއީ ދުނިޔޭގައި މިހާރު ތަރައްގީވެފައި ހުރި ބަނދަރުތަކުން ކުރާ ކަމެއް. އެއީ އެތާގައި ބެހެއްޓޭ ކެރޭނުތަކުން ގަޑިއަކު 80 ނުވަތަ 90 ކޮންޓެއިނަރު މޫވް ކުރާނެ." ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ބަނދަރު ތަރައްގީވުމުން މުދަލުގެ އަގުވެސް ވަރަށް ބޮޑުތަން ހެޔޮވެގެންދާނެ ކަމަށް އުންމީދު ކުރައްވަ އެވެ.

"ދުބާއީ އިން ކޮލަމްބޯއަށް އެއީ ހަތް ދުވަހުގެ ރާސްތާއެއް. އެތަނަށް 20 ފޫޓުގެ ކޮންޓޭނަރަކަށް މިއިންނަނީ 500 ޑޮލަރު ގާތްގަނޑަކަށް. އެކަމަކު ކޮލަމްބޯއިން މާލެއަށް މި އިންނަނީ 417 ނޯޓިކަލް މޭލް. މިހާރުގެ 13، 14 މޭލުގައި ދުވާ ބޯޓެއް ވެއްޖެޔާ މިތަނަށް އަންނާނެ 24 ގަޑިއިރު ނުވަނީސް. މިހާރުގެ ބައެއް ބޯޓު އުޅޭނެ 20 މޭލު 22 މޭލު ދުވާ. އެހެން ނަމަވެސް ކޮލަމްބޯއިން މާލެއަށް މިދޭތެރެއަށް 20 ފޫޓު ކޮންޓޭނަރެއް މިއިންނަނީ 1500 ނުވަތަ 1800 ޑޮލަރު. މިހެން މިވާން ޖެހޭ ސަބަބަކީ އަޅުގަނޑުމެންގެ ބަނދަރުގެ ހާލު ދެރަކަމުން" ޖުނައިދު ވިދާޅުވި އެވެ.